Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ދެމެދުގައި މުހިއްމު ވިޔަފާރި މަގެއް ހުޅުވައިފި

އަފްޣާނިސްތާނާއި ޕާކިސްތާން އިންވާ ބޯޑަރު ހުރަސްކުރަން ބޭނުންކުރާ މުހިއްމު މަގެއް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މަގު ހުޅުވައިލާ، އަފްޣާނިސްތާނަށް ބޭނުންޖެހިފައިވާ ކާނާއާއި އެހެނިހެން ތަކެތި އުފުލާ ޓްރަކުތަކަށް އެ ޤައުމަށް ވަދެވޭނެ އިންތިޒާމު އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން ހަމަޖައްސައިފިއެވެ.

ބޯޑަރު ހުރަސްކުރާ ތޯޚާމް މަގު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓްރަކު ތޮއްޖެހިފައިވަނިކޮށް، ދެ ޤައުމުގެ މެދުގައި ހުރި މުހިއްމު ބައެއް މައްސަލަތަކަށް ހައްލެއް ހޯދުމަށް ޕާކިސްތާނުން އަފްޣާނަށް މަތީ ފަންތީގެ މަސްއޫލުވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ފޮނުވައި ކުރި މަޝްވަރާތަކަށް ފަހުއެވެ.

ތޯޚާމް ބޯޑަރު ހުޅުވައިލަން ނިންމާފައިވާކަން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގެ ޠާލިބާނު މަސްއޫލުވެރިން ކަށަވަރުކޮށްދެއްވިއެވެ. އަދި ޕާކިސްތާނުގައި ހުންނަ އަފްޣާނިސްތާނުގެ ސަފާރާއިންވެސް އެކަން ކަށަވަރުކޮށްދީފައިވެއެވެ.

ޕާކިސްތާން-އަފްޣާނިސްތާން ގުޅިފައިވާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޑިރެކްޓާ ޒިއާއުލް ޙައްޤު ސަރްހާދީވަނީ ކާބޯތަކެއްޗާއި އިތުރު މުދާ ބަރާކޮށްފައިވާ އެތައްހާސް އުޅަނދެއް އެ މަގު ހުރަސްކޮށް އަފްޣާނިސްތާނަށް ވަންނަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

މި ނިންމުން ނިންމާފައިވަނީ ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފު ކުއްލި ދަތުރެއްގައި އަފްޣާނިސްތާނުގެ ކާބުލަށް ވަޑައިގެން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ފަހުންނެވެ.

ތޯޚާމް ބޯޑަރު މަގު ބަންދުކުރުމަށް ޠާލިބާނުން ނިންމި ސަބަބެއްކަމަށް އެ ޖަމާއާތުން ބުނީ އަފްޣާނިސްތާނުގެ ބަލި މީހުންނަށް ފަރުވާ ހޯދަން ޕާކިސްތާނަށް އެތެރެވުމުގައި މައްސަލަތައް ކުރިމަތިވެ އުދަގޫވުމެވެ.

ތޯޚާމް ބޯޑަރަކީ ޕާކިސްތާނާއި މެދުތެރޭ އޭޝިޔާ ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރިތަކަށް މުހިއްމު މަގެކެވެ.

މި ލިއުމާއި ގުޅޭ