މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރުން 14 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ހޯދައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 14.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިފަހަކުން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ފާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ސްޓިކާ ޖަހައި، ގިނަ އުޅަނދުތަކެއް ޓޯވެސް ކޮށްފަ އެވެ.
އަހަރު ފެށިގެން ދެމަސް ނުވަނީސް ޖުރިމަނާ ކޮށްގެން 14 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި 82.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން 62.4 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އަންދާޒާކުރި އިރު، އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދަ އެވެ.