މަސްތުވާތަކެތި ޓްރެފިކްކޮށްގެން މިދިޔަ ނޮވެމްބަރު މަހު 25 އަހަރަށް ޖަލަށްލާން ހުކުމް ކުރި ދުވާފަރު، ޅ.ހިންނަވަރު މުހައްމަދު ރިޝްވާން މިނިވަންކުރީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރިޝްވާން މިނިވަންކުރީ ކީއްވެތޯ ސުވާލު ކުރުމުން، މިއުވާން ވިދާޅުވީ އެކަންކޮށްފައިވަނީ އޮންނަ އުސޫލުގެ ދަށުން ކަމަށާއި ރައީސް އިބްރާހީމް އެކަމުގައި ޤާނޫނާއި ހިލާފުވެފައި ނުވާކަމަށެވެ. މިއުވާން މިހެން ވިދާޅުވިއިއިރު މަސްތުވާތެކެތި ޓްރެފިކް ކުރާ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް މާފު ދެވޭނެ އުސޫލެއް ނޯވެއެވެ. އެހެން ނަމަވެސް އަދަބުގެ މުއްދަތު ކުރު ކުރުމަކީ ރައީސަށް ލިބިފައިވާ ބާރެކެވެ. ރައީސް އިބްރާހީމް ވަނީ އެ ބާރު ބޭނުންކުރައްވައިގެން ހުކުމުގެ މުއްދަތު ކުރުކޮށް ރިޝްވާން މިނިވަންކޮށްފައެވެ.
މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ 13 ޖުލައިގައެވެ. ޕީޖީ އޮފީހުން ހުށަހެޅި ހެކިތަކަށް ބަލައި ފާއިތުވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ރިޝްވާން ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާ 25 އަހަރުގެ މުއްދަތަކަށް ޖަލައިލައި 1 ލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ.
ރިޝްވާނަކީ ރައީސް އިބްރާހީމްގެ ރަށް ހިންނަވަރުގެ ބޮޑު އާއިލާއެއްގެ މީހެކެވެ. އޭނާގެ ގެ ހިންނަވަރު، ދުވާފަރުގައި އެކަނި 28 މީހުން ރަޖިސްޓަރކޮށްފައި އޮންނައިރު، އެ އާއިލާގައި އެއްކޮށް ވޯޓުލެވޭ 100 އެއްހާ މީހުން ތިބެއެވެ. އެ ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެއީ އާންމުކޮށް ފައިސާއަށް ވޯޓުލާ އާއިލާއެކެވެ.
މައުލޫމާތު ލިބޭގޮތުން ރިޝްވާން މިނިވަންކޮށްފައިވަނީ ފާއިތުވި މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި އެ އާއިލާގެ ވޯޓު ރައީސް އިބްރާހީމަށް ހޯދުމަށްޓަކައެވެ.
އިންތިހާބާއި ދިމާކޮށް މި ނޫނަސް ބޮޑެތި ކުށްތައްކޮށްފައި ތިބި އެތައް ބަޔަކު ރައީސް އިބްރާހީމް ވަނީ މިނިވަންކޮށްފައެވެ. މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކުވެސް މިދިޔަ ހަފްތާގައި މިނިވަންކުރިއެވެ. އޭނާ ވަނީ މިނިވަންވުމާއި އެކު ސްކޭމެއް ހިންގައި މީހެއްގެ އެކައުންޓުން 64،000 ރުފިޔާ ވަގަށް ނަގާފައެވެ.