Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރެކްޝަނަލް ސާވިސަސް

މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާއެއް ނުކުރޭ، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްނުދޭ: ކޮމިޝަނާ

މާފުށީ ޖަލުގައި ހަރުކަށި ފިކުރަށް ނިސްބަތްވާކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބާ 11 ވަނަ ޔުނިޓުގައި ތިބި ގައިދީންނަށް އަނިޔާނުކުރާކަމަށާއި، އެ ގައިދީން ހައިހޫނުކަމުގެ ހަޅުތާލެއް ނުކުރާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އަޙްމަދު މުޙައްމަދު ފުޅު މިފަދައިން ވިދާޅުވި ނަމަވެސް މާފުށީ ޖަލުގެ އެ ޔުނިޓުގައި ތިބި ޤައިދީންގެ އާއިލާތަކުންނާއި އެމީހުންގެ ވަކީލުން ބުނަމުން އަންނަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޤައިދީން ހައިހޫނުކަމުގެ ހަަޅުތާލެއް ކުރަމުން އަންނަ ކަމަށެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ އެ ޔުނިޓުގެ ގިނަ ކަންކަން ރަނގަޅުކުރުމަށް އެދި ގައިދީން ތަކުރާރުކޮށް ކުރަމުންދާ ޑިމާންޑުތަކާ ދެކޮޅަށް މާފުށީ ޖަލުވެރިން ފުރައްސާރަކޮށް ރެއިޑްތައް ޖެހުމުގެ ސަބަބުންނެވެ.

މި މައްސަލަތަކާއި ގުޅިގެން ގައިދީން 14 ވަނަ ދުވަހުން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށްވެސް ގައިދީން ދެމި ތިބީ އެ ހަޅުތާޅުގައިކަން "ދިޔަރެސް"އަށް ވާހަކަ ދެއްކި ގައިދީންގެ ވަކީލުންނާއި އާއިލާގެ ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކަރެކްޝަންއިން ދޮގު ކުރި ނަމަވެސް "ދިޔަރެސް"އާ ވާހަކަ ދެއްކި ގައިދީންގެ ހަތަރު ވަކީލަކު ވަނީ ހަރުކަށި ފިކުރުގެ ޔުނިޓުގެ ގައިދީން އަދިވެސް ތިބީ ބަނޑު ހައި ހޫނުކަމުގެ ހަޅުތާލުގެ މަތީގައިކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރެއިން އެއް ގައިދީއެއްގެ ވަކީލު ވިދާޅުވީ ބަނޑުހައި ހޫނުކަމުގެ ހަޅުތާޅެއް ގައިދީން ފަށާފައިވަނީ ޖަލުގައި އެ ޔުނިޓުގައި ތިބި ގައިދީންނާމެއެދު ތަފާތުކުރުންތަކެއް ގެންގުޅޭތީކަމަށާއި ބައެއް ގައިދީން ލައްވާ ގަދަ ކަމުން ކަންތައްތަކެއް ކުރުވާކަމަށެވެ.


އަދި އޭގެތެރެއިން އެއް ގައިދީއެއް ގަދަ ކަމުން ބޯކޮށުވިކަމަށާއި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅާފައިވާއިރު އެ ކޮމިޝަނުން ކުރި ތަހްގީގުން އެކަން އެގޮތަށް ހިނގައި ދިޔަކަން ސާބިތުވިކަމަށާއި އެކަން އޮފިސަރުންނަށް ފިޔަވަޅު އަޅަން ބުނުމުން އެ ގައިދީ މީހާ އެކަހެރި ކޮށްފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ ގައިދީން އެ ހަޅުތާލު ފަށާފައިވަނީ މިފަދަ ބައިވަރު މައްސަލަތަކާ ގުޅިގެންކަމަށެވެ.

އިތުރު ވަކީލަކު ވިދާޅުވީ އޭނާގެ މުވައްކިލާއި މިއަދުވެސް ވާހަކަ ދެއްކުނުކަމަށާއި އަދިވެސް ގައިދީން ތިބީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައިކަމަށެވެ. އޭނާ ގައިދީއަށް ހަވާލާދީ ވިދާޅުވީ އެމީހުން ހަޅުތާލު ފެށީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑުގެ ކެއުން ނުދިން ސަބަބެއް ލިޔުމުން އަންގާފައި ނުވާތީކަމަށާއި އެ ދުވަހުން ފެށިގެން ގައިދީން ތިބީ އެއްވެސް ކާއެއްޗެއް ނުކައި ބަނޑުހައި ހޫނުކަމުގެ ހަޅުތާޅެއްގައިކަމަށެވެ.
"އެމީހުން ބޭނުންވަނީ އެންމެ ކަމެއް. 14 ވަނަ ދުވަހުގެ ރޭގަނޑުގެ ކެއުން ނުދިން ސަބަބަކީ ކޮބައިކަން، ކަރެކްޝަންސްއަށް ރަސްމީކޮށް ސިޓީއެއްވެސް ފޮނުވާފައި ވާނީ އެ ސަބަބު ހާމަކޮށްދިނުމަށް، ނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނުވޭ، އެ ސަބަބު އެނގުނީމައި އެ ހަޅުތާލު ނިންމައިލާނެ" ވަކީލު ވިދާޅުވިއެވެ.

ވަކީލުންގެ އިތުރުން ގައިދީންގެ އާއިލާއިންވެސް މި ހަޅުތާޅާ ގުޅިގެން މި ނޫހަށް މައުލޫމާތު ދީފައިވެއެވެ. އޭގެތެރެއިން އެއް ގައިދީއެއްގެ އާއިލާގެ މެންބަރަކު "ދިޔަރެސް"އަށް ބުނީ 14 ވަނަ ދުވަހުން ފެށިގެން ހަރުކަށި ޔުނިޓުގެ އެއްވެސް ގައިދީއަކު އެއްވެސް ކާއެއްޗެ ނުކާކަމަށާއި ނަމަވެސް އެމީހުން ފިހާރައިން އެއްޗެހި ގަންނަން ލިބުނު ފުރުސަތުގައި ފެން ގަނެ ފެންބޯކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އެ އާއިލާ މެންބަރު އިތުރަށް ބުނީ މި ސަރުކާރުން އެކި މީހުންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭކަމަށާއި ފާޅުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނަށް ދައުވާކޮށްފައިވާއިރުވެސް މިނިވަން ކަމާއެކު މަގުމަތީގައި އުޅޭކަމަށެވެ.

ނަމަވެސް މިހާރު ހަރުކަށި ޔުނިޓުގައި ތިބި ބައެއް ގައިދީންގެ މައްޗަށް އެއްވެސް ހެއްކެއްވެސް ނެތް އިރު ބަންދުކޮށް އަނިޔާ ދެމުން ދާކަމަށާއި މިފަދަ ތަފާތުކުރުންތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަމަށް އޭނާ ބުނެފައިވެއެވެ.

މީގެކުރިންވެސް ހައިހޫނުކަމުގެ ހަޅުތާލެއް ނުހިނގާކަމަށާއި އެ ޔުނިޓުގައި ޤައިދީއަކަށް އަނިޔާކޮށްފައިނުވާކަމަށް ކޮމިޝަނާ ވިދާޅުވެފައިވެއެވެ. އަނެއްކާވެސް ތަކުރާރުކޮށް އެފަދައިން ކޮމިޝަނާ ވިދާޅުވިއިރު، ޖަލުގައި ހިނގަމުން އަންނަ ކަންކަމާމެދު އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ލިއުމާއި ގުޅޭ