ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާފައި ވަނިކޮށް، ގައުމު އޮތީ ދަރާފަ ނޫން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވައިލައި ހުށަހަޅާފައިވާ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ގަޕޯ ވިދާޅުވީ ސަރުކާރުން އަމަލުކޮށްފައި އޮތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ އެއްގޮތަށް ކަމަށާއި އިތުރަށް ކުރަންޖެހޭ ރީސްޓްރަކްޗާއެއް ނެތް ކަމަށެވެ.
މީގެ ކުރިން ރަނގަޅުވި ސަރުކާރެއް މިއަދު ގޯސްވެގެން އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަނީ ސަރުކާރުގެ އާމްދަނީ އިތުރުވާތީ އެކަން ހަޖަމު ނުވެގެން އިދިކޮޅު ޕީޕީއެމްއާ ގުޅިގެން ކަމަށް ގަޕޯ ވިދާޅުވި އެވެ.
"ދައުލަތް ދަރަމަކުން ނުދޭ. އިގްތިސާދު މިއޮތީ ގަދަކޮށް، ދަރާފަ ހުރި ގައުމުތަށް އެބަފެނޭ އަޅުގަނޑުމެންނަށް ދުނިޔޭން. މިގައުމު މިއޮތީ ދަރާފަކާ ނޫން. މިގައުމުގެ އިގްތިސާދު އެދަނީ ބާރަށް ކުރިއަށް." ގަޕޯ ވިދާޅުވި އެވެ.
"މިގައުމުގެ އިގްތިސާދު މިއަށްވުރެ ރަނގަޅުވި ދުވަހެއް ނާދޭ. މިގައުމުގެ ދަރަނި އެދަނީ އެޑްވާންސަށް ދައްކަމުން ހުރި ދަރަންޏެއް ވެއްޖިއްޔާ. އެ ފައިސާ ދައުލަތަށް ވަންނަމުން އެދަނީ. ދައުލަތުގެ އާމްދަނީ އެދަނީ ދެގުނައަށް އިތުރުވަމުން."
އޭނާ ވިދާޅުވި ގޮތުގައި މިއަދު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓީޖީއެސްޓީން ދައުލަތަށް ލިބޭ އާމްދަނީވެސް ވަނީ 60 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި 2028 އަންނަ އިރު، ދައުލަތުގެ އާމްދަނީ ދެގުނަވެގެން ދާނެ ކަމަށް ގަޕޯ ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވި އިރު ދަރަނީގެ ގޮތުގައި އޮތީ 67 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިއަހަރުގެ ބަޖެޓު ހުށަހެޅި އިރު އެ އަދަދު 113 ބިލިއަން ރުފިޔާ އިތުރުވެފައި އޮތުމުން އެމްޑީޕީގެ ގިނަ މެންބަރުންވެސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.