މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާފައިވާ މީހަކު ރައީސް އިބްރާހީމް އަންގަވައިގެން މިނިވަންކޮށްފިއެވެ.
ޅ.ހިންނަވަރު، ދުވާފަރު މުހައްމަދު ރިޝްވާން ގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ 2019 ވަނަ އަހަރުގެ މޭއި މަސް ތެރޭ އޭނާއާއި އިތުރު މީހަކު މާލޭގައި ސައިކަލަކުން ދަނިކޮށް، މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރަން އުޅުމުން އޭނާ އަތުގައި ހުރި ތަކެތި އުކާލުމުން، އެތަކެތި ނަގައި ބެލިއިރު އޭގައި މަސްތުވާތަކެތި ހުރެގެންނެވެ.
މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ 13 ޖުލައިގައެވެ. ޕީޖީ އޮފީހުން ހުށަހެޅި ހެކިތަކަށް ބަލައި ފާއިތުވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ރިޝްވާން ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާ 25 އަހަރުގެ މުއްދަތަކަށް ޖަލައިލައި 1 ލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ.
އެހެން ނަމަވެސް އޭނާ ޖަލަށްލިތާ 3 މަސްވެސް ނުވަނީސް ފާއިތުވި ޖެނުއަރީ މަސްތެރޭ، ރައީސް އިބްރާހީމް ވަނީ އޭނާގެ ހުކުމް ކުރުކޮށް، ޖަލުން މިނިވަންކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ބޮޑު ހުކުމެއްގައި ހުރި މީހަކު ހުކުމުގެ މިހާ ކުރު މުއްދަތެއް ތަންފީޒުކޮށް މިނިވަން ކުރި ފުރަތަމަ ފަހަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޝްވާނު މިނިވަންކޮށްފައިވަނީ 25 އަހަރު ދުވަހުގެ ހުކުމް 10 ދުވަހަށް ކުރު ކުރުމަށްފަހުގައެވެ.
ރިޝްވާނަކީ ރައީސް އިބްރާހީމްގެ ރަށް ހިންނަވަރުގެ ބޮޑު އާއިލާއެއްގެ މީހެކެވެ. އޭނާގެ ގެ ހިންނަވަރު، ދުވާފަރުގައި އެކަނި 28 މީހުން ރަޖިސްޓަރކޮށްފައި އޮންނައިރު، އެ އާއިލާގައި އެއްކޮށް ވޯޓުލެވޭ 100 އެއްހާ މީހުން ތިބެއެވެ. އެ ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެއީ އާންމުކޮށް ފައިސާއަށް ވޯޓުލާ އާއިލާއެކެވެ.
މައުލޫމާތު ލިބޭގޮތުން ރިޝްވާން މިނިވަންކޮށްފައިވަނީ ފާއިތުވި މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި އެ އާއިލާގެ ވޯޓު ރައީސް އިބްރާހީމަށް ހޯދުމަށްޓަކައެވެ.
އިންތިހާބާއި ދިމާކޮށް މި ނޫނަސް ބޮޑެތި ކުށްތައްކޮށްފައި ތިބި އެތައް ބަޔަކު ރައީސް އިބްރާހީމް ވަނީ މިނިވަންކޮށްފައެވެ. މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކުވެސް މިދިޔަ ހަފްތާގައި މިނިވަންކުރިއެވެ. އޭނާ ވަނީ މިނިވަންވުމާއި އެކު ސްކޭމެއް ހިންގައި މީހެއްގެ އެކައުންޓުން 64،000 ރުފިޔާ ވަގަށް ނަގާފައެވެ.
އިންތިހާބު ދުވަސްވަރު ނޫނަސް ޤާނޫނުގައި ހުންނަ ލޫޕްހޯލްތައް ބޭނުންކޮށްގެން ކުށްވެރިން މިނިވަންކުރުމަކީ މި ސަރުކާރުގައި ވަރަށް އާންމުކަމަކެވެ. މިގޮތުން މާފު ނުދެވޭ ފަދަ ކުށްތަކުގެ މުއްދަތު ކުރު ކުރުމަށްފަހު ކުށްވެރިން މިނިވަން ކުރުމަކީ ރައީސް އިބްރާޙީމް އެންމެ ގިނައިން ބޭނުން ކުރައްވާ އުކުޅެވެ. ބޮޑެތި މުޖުރިމުން މިނިވަން ކުރުމަށް ރައީސް އޮފީހުގެ އިސްވެރިން ފައިސާ ނަގާކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.