މެޗުގެ ފުރަތަމަ ދެ ގޯލު ޖަހައި އުއްމީދީ ލީޑެއް ނެގީ ލިވަޕޫލުންނެވެ. މޮޅަށް ކުޅެ އެޓީމުގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ޖެހިއިރު އަނެއް ގޯލު 14 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ސަލާހް އެވެ.
ލިވަޕޫލްގެ ދެ ގޯލަށް ފަހު ދެން ފެނުނީ ރެއާލުން މެޗުގެ ތެރެއަށް އެނބުރި އައިސް ބޮޑު މޮޅެއް ހޯދި ތަނެވެ. ރެއާލްގެ ފުރަތަމަ ދެ ގޯލު 21 އަދި 36 ވަނަ މިނެޓުގައި ޖެހީ ވިނީޝިއަސް ޖޫނިއާ އެވެ.
ފަހަތުން އަރައި އެއްވަރުކޮށް ދެވަނަ ހާފު ވެސް ރެއާލުން ފެށީ ވަރުގަދަކޮށެވެ. މި ހާފުގެ ދެވަނަ މިނެޓުގައި އެޑާ މިލިޓާއޯ ވަނީ ރެއާލަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އޭގެފަހުން ރެއާލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ބެންޒެމާ ގޯލުތައް ޖެހީ 55 ވަނަ މިނެޓާއި 67 ވަނަ މިނެޓުގަ އެވެ.
ލިވަޕޫލުން ވަނީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ބާސެލޯނާ ފުރަތަމަ ލެގްގައި 0-3 ގެ ލީޑެއްގައި އޮއްވައި އަމިއްލަ ދަނޑުގައި 0-4 އިން މޮޅުވެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭރު ޗެމްޕިއަންސް ލީގުގެ ގަވާއިދު އޮންނަނީ އަވޭ ގޯލު އުސޫލަށް އަމަލުކުރާ ގޮތަށެވެ. އެކަމަކު އާ ގަވާއިދުގެ ދަށުން އަވޭ ގޯލަށް ނުބަލާނެ އެވެ.
ލިވަޕޫލަށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ދެވޭނީ ރެއާލްގެ ދަނޑުގައި އެޓީމު ބަލިކޮށްގެންނެވެ. މަދުވެގެން ތިން ގޯލުގެ ތަފާތުން ބަލިކުރަން ޖެހޭއިރު މިއީ ދެޓީމު މިހާރު އޮތް ފޯމަށް ބަލާއިރު ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ލިވަޕޫލުން ވަނީ މިދިޔަ ސީޒަންތަކުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ވާދަކޮށް ނާކާމިޔާބުވެފަ އެވެ. ދެ ފައިނަލުގައި ރެއާލް އަތުން ބަލިވިއިރު ނޮކްއައުޓް ބުރުގައި ވެސް ރެއާލް އަތުން ވަނީ ބަލިވެފަ އެވެ.
ޔޫރަޕް ފުޓްބޯޅައިގެ ތާރީހުގައި މީގެކުރިން ދުވަހަކުވެސް ލިވަޕޫލް ދަނޑުގައި އެޓީމު ކޮޅަށް ހަތަރު ގޯލު ވަދެފައެއްނުވެ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އެއިންޓްރަކް ފްރެންކްފާޓް ދަނޑުގައި ނަޕޯލީ ވަނީ 2-0 އިން މޮޅުވެފަ އެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީގެ ލަނޑުތައް ރޭ ޖަހައިދިނީ ވިކްޓާ އޮސީމެން އާއި ޖިއޮވާނީ ޑީ ލޮރެންޒޯ އެވެ. ރޭގެ ގޯލާ އެކު އޮސީމެން މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ.