ގާނޫނުއަސާސީގެ ކުރިން އެކުލަވާލާފައިވާ އާންމު ގާނޫނުތަކުގެ އަށްވަނަ މާއްދާގެ ދެވަނަ ނަންބަރަކީ ޤާނޫނު އަސާސީއާ ފުށުއަރާ ގާނޫނަކަށް ވާތީ އިސްލާހު ކުރަން އިތުރު ފުރުސަތު ދިނުމަށް ދައުލަތުން ހައިކޯޓުގައި އެދުމުން ފަނޑިޔާރުންގެ ނުރުހުން އަމާޒުވެއްޖެ އެވެ.
ދައުލަތުން އެގޮތަށް އެދުނީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅުން އިސްނަގައިގެން ކުރިއަށް ގެންދިޔައި "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގަ އެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލާ ކަމަށް ރިޔާސީ ގަރާރުގައި ބުނެފައިވެ އެވެ.
މިއަދު ހައިކޯޓުގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާ ހުށަހެޅި ފަރާތުގެ ވަކީލު، އަހްމަދު ޝައްފާން މުހައްމަދު ވިދާޅުވީ، އާންމު ގާނޫނުތަކުގެ އަށްވަނަ މާއްދާގެ ދެވަނަ ނަންބަރުގައި އަމަން އާންމަށް ގެއްލުމެއް ލިބިދާނެ ކަމަށް ބުނެފައިވާއިރު، އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނެ ކަމެއް ކަމަށެވެ.
އަސާސީ ހައްގެއް މަނާކުރާއިރު، އެކަން ކުރެވޭނެ މިންވަރާއި، މާ ފުޅާކޮށް ހައްގު ހަނި ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާއިރު، އާންމު ގާނޫނުތަކުގެ އަށްވަނަ މާއްދާގައި އެ ހައްގު ހަނިކުރާނެ ދާއިރާ ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް ޝައްފާން ވިދާޅުވި އެވެ.
އެހެންކަމުން އެފަދައިން ސާފުނޫން ގޮތަށް، ނުވަތަ އޯވާ ބްރޯޑްކޮށް، ސާފުނުވާ ގޮތަށް މާ ފުޅާކޮށް ހައްގެއް ހަނި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު
އެ ނުކުތާއަށް ޖަވާބުދާރީ ވަމުން ދައުލަތުން ބުނީ އާންމު ގާނޫނުތަކުގެ އެ މާއްދާއަކީ ގާނޫނުއަސާސީ އެކުލަވާލުމުގެ ކުރިން އައިސްފައިވާ ގާނޫނެއް ކަމަށާއި، އެއީ ގާނޫނުއަސާސީއާ ފުށުއަރާ މާއްދާއެއް ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީއަށްފަހު، އެގޮތަށް ފުށުއަރާ ގާނޫނުތައް އިސްލާހުކުރަން ނުވަތަ އުވާލުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން އެފަދަ ގާނޫނުތަކުގެ ލިސްޓެއް ހަދާފައިވާ ކަމަށާއި، އާންމު ގާނޫނުތަކުގެ އަށްވަނަ މާއްދާގެ ދެވަނަ ނަންބަރު އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ މި މައްސަލައިގެ ތެރެއިން ހުސޫމެއް އުފައްދާފައިވާ ގާނޫނުގެ މާއްދާ އިސްލާހުކުރުމުގެ ފުރުސަތު ދައުލަތަށް ލިބިދެވޭނެ ގޮތެއްގެ މަތިން، މި މައްސަލައަށް ގޮތެއް ކަނޑައެޅިގެން ދާންޖެހޭނެ ކަމަށް،" ދައުލަތުން ބުންޏެވެ.
އެ މާއްދާ އިސްލާހުކުރުން ނުވަތަ އުވާލުމުގެ މަރުހަލާ އޮތް ހިސާބަކާ ގުޅޭގޮތުން ފަނޑިޔާރުން ތަކާރާރުކޮށް ސުވާލު ކުރުމުންވެސް ދައުލަތުން ބުނީ އެ ލިސްޓު މަޖިލީހަށް ފޮނުވުމަށް އޭޖީ އޮފީހުގެ ފަރާތުން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި، މަޖިލީހުގައި އެ ޕްރޮސެސް އޮތް ހިސާބެއް ސާފު ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ އެ ގާނޫނު އިސްލާހު ނުކުރެވި އެހާ ގިނަ ދުވަސްވީ ކީއްވެގެންތޯ ދައުލަތާ ސުވާލުކޮށްފަ އެވެ. ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މާއްދާ އިސްލާހު ނުކުރެވުނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ.
"ކިހާ މުއްދަތެއްތޯ އެކަންކަންކަން ކުރަން އޮންނަނީ. ހިތަށް އެރިހާ ދުވަހަކުން (އިސްލާހު) ކުރާ ގޮތަކަށްތޯ އޮންނަނީ. ކިހާ މުއްދަތެއްތޯ. މިހާރު 2008 ގައި އަމަލުކުރަންފެށި ގާނޫނުއަސާސީއަށް،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
"ރީޒަނަބަލް ޓައިމްއަށްވުރެ ގިނަވެގެން ހިނގައްޖެ. ސަބަބުވެރި މީހެއްގެ ވިސްނުމުން ވިސްނާ އިރުގައި ސަބަބުވެރިއެއް ނޫން މިހާރު ވޭތުވެގޮސްގައިވާ މުއްދަތު މިކަންކަން ރަނގަޅު ކުރަން. އެ ގާނޫނާ ހިސާބަށް އަދި ނުދަނީތޯ. ނޫނީ މުހިންމު ވީމަ އުވައިނުލާ އޮތީތޯ"
ފަނޑިޔާރު ނިޔާޒު.
ގާނޫނުއަސާސީގައި ވާގޮތުން ފުށުއަރާ ގާނޫނުތައް އިސްލާހު ކުރަން އޮންނަނީ 90 ދުވަހުގެ މުއްދަތެއްކަން މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރި އެވެ. އެހެންކަމުން، މަޖިލީހުން އެ ގާނޫނު އިސްލާހު ކުރުން ނުވަތަ އުވާލުމުގެ ޕްރޮސެސް އޮތް ހިސާބާ ގުޅޭގޮތުން ފަނޑިޔާރު ހުޒައިފާ މުހައްމަދު ދައުލަތާ ސުވާލުކުރުމުން، ދައުލަތުން ބުނީ މަޖިލީހުގެ ނިންމުން ލިބިފައިނުވާ ކަމަށެވެ.
އަދި އެކަމާ ގުޅޭގޮތުން މަޖިލީހުން ނިންމާފައިވާ ގޮތް ސާފުކުރަން އިތުރު ފުރުސަތު ދިނުމަށްވެސް އެދުނެވެ. "އެދެނީ ލިސްޓު (އިސްލާހުކުރަން ޖެހޭ ގާނޫނުތަކުގެ ލިސްޓު) މަޖިލީހާ ހިއްސާކުރުމުން، މަޖިލީހުން އެ މާއްދާއާމެދު ނިންމާފައި އޮތް ނިންމުން ސާފުކުރަން ފުރުސަތު ދިނުން،" ދައުލަތުން ބުންޏެވެ.
އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ފަނޑިޔާރު ހުޒައިފާ ވަނީ ދައުލަތުން ކޯޓަށް ހާޒިރުވީ ރަނގަޅަށް ތައްޔާރުވެގެންތޯ ވެސް ސުވާލުކުރައްވާފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ 24 ގަ އެވެ. އެހެންކަމުން ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ދައުލަތުން ކޯޓަށް ހާޒިރުވީ "ރަނގަޅަށް ފިކުރު ކުރައްވައިގެންތޯ" ފަނޑިޔާރު ހުޒައިފާ ސުވާލުކުރެއްވި އެވެ.
އުފެދިގެން އުޅޭ ގާނޫނީ ބަހުސް އަކީ އާންމު ގާނޫނުތަކުގެ އަށްވަނަ މައްދާގެ ދެވަނަ ނަންބަރަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއްތޯ ނުވަތަ ނޫންތޯއާއި، އޭގައި ދައުލަތުގެ ޖަވާބަކަށް ފަނޑިޔާރުންގެ ބެންޗުން ތަކުރާރުކޮށް އެހުމުންވެސް، ދައުލަތުން އެދުނީ އެ މާއްދާ އިސްލާހު ކުރުމަށް އިތުރު ފުރުސަތަށެވެ.
އަދި މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތަށް މައްސަލަ ނިންމުމުގައި ގާނޫނީ ހުރަހެއް އޮތްތޯ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ކުރެއްވި ސުވާލަށްވެސް ދައުލަތުން ދިން ޖަވާބަކީ އެ މާއްދާއަކީ އިސްލާހުކުރަންޖެހޭ މާއްދާއެއް ކަމުން އެކަން ކުރުމަށް ދައުލަތަށް ފުރުސަތު ދިނުމަށެވެ.
"..މިދައްކަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު މިތަނަށް ހުށަހެޅުނު މައްސަލައެއްގެ ވާހަކަ.. އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުގައިވެސް ތިބޭފުޅުންނަށް މި މާއްދާގެ ދަށުން ބަލަންޖެހޭކަން އެނގިވަޑައިގެންފައެއް ނެތް. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުންވެސް ސުވާލި ކުރި މިކަމާ ބެހޭގޮތުން. ކުރެއްވީމަ އެއަށް ތައްޔާރުވެޑައިނުގެން ތި ވިދާޅުވަނީ ޕްރޮސެސްއޭ ޕްރޮސެސްއޭ. އެހެން ވިދާޅުވެފަ އަދިވެސް ދައުލަތަކަށް އެނގިވަޑައެއް ނުގަންނަވާ ޕްރޮސެސް އޮތީ ކިހާ ހިސާބެއްގައި ކަމެއް، އަނެއްކާވެސް ތި އެދިވަޑައިގަންނަވަނީ ފުރުސަތަކަށް،" ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
އަދި ދައުލަތުން އެކަށީގެންވާ ވަރަށް ތައްޔާރުނުވެ ކޯޓަށް ހާޒިރުވުމުން ފަނޑިޔާރާއި ކޯޓުގެ ވަގުތު ގެއްލޭ ކަމަށް ވިދާޅުވި އެވެ. "ވަރަށް ގިނަ ވަގުތު އަޅުގަނޑުމެންގެ ގެއްލިގެން މިދިޔައީ. އެހެންވީމަ ދައުލަތުން އެކަށީގެންވާ ވަރަށް ތައްޔާރުވެވަޑައިގެން މައްސަލަ ހުށަހެޅިވެފައި އޮތް މައްސަލަ ރަނގަޅަށް ފަހުމުވެގެން ދިރާސާކުރައްވައިގެން ވަޑައިގެންނެވީމަ ހަގީގަތުގައި މައްސަލަ އަވަސްވާނީ،" ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.