ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ރަޝާދު ދައުލަތުގެ ފައިސާ ލޫޓުވަމުންގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކާ ވާހަކަ ބައެއް މެންބަރުން ދެއްކެވުމުން އެ މެންބަރުންނަށް ރައްދުދެއްވައި ޔައުގޫބު ވިދާޅުވީ އެސްޓީއޯގެ އެމްޑީ ތާއީދުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ނޫން ކަމަށެވެ. އަދި އެހެން ކެނޑިޑޭޓަކަށް ތާއީދުކުރެއްވީތީ އަމްރުއާމެދު ފިޔަވަޅެއް އަޅުއްވާފައިނުވާކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.
އިތުރަށް ޔައުގޫބު ވިދާޅުވީ އަމްރުއާމެދު ފިޔަވަޅުއަޅަންޖެހޭ ސަބަބުތަކެއް ފާހަގަވެފައި އެބަހުރި ކަމަށެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިނަށް އެސްޓީއޯގެ ބައެއް މުވައްޒަފުން ދާން އެ މުވައްޒަފުން ނޭދެނީސް ޗުއްޓީ ހަމަޖައްސަވައިދެއްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.
"އެސްޓީއޯގެ އެމްޑީ ތާއީދުކުރި ފަރާތަށް ތާއީދުނުކުރާ ބައެއް މުވައްޒަފުން ޗުއްޓީއަށް އެޕްލައި ނުކުރަނީސް ޗުއްޓީ ހަމަޖެހުނުކަމަށް މައުލޫމާތު ލިބިއްޖެ. މިވެސް ހިނގާފައިހުރި ކަންކަން،" ޔައުގޫބު ވިދާޅުވިއެވެ.
މުވައްޒަފުންނަށް ޗުއްޓީ ހަމަޖެއްސި ގޮތަށްވުރެ ކަންބޮޑުވާކަމެއް އެބައޮތްކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ ކުންފުނިތަކުގެ ވެރިންނަކީ ފަސް އަހަރުގެ ދައުރެއް ނިމުމުން އެ މަޤާމުތަކުން ވަކިވާ ބައެއް ކަމަށާއި، އެއީ ރާއްޖޭގައި ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތް ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ރިޑަންޑެންސީ ޕްލޭން އެކުލަވައިލިއިރު އެމްޑީ ވަކިކުރިޔަސް ނުވަތަ އިސްތިއުފާދެއްވިޔަސް އޭނާއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބޭނެ ގޮތަށް ފާސްކޮށްފައިވާ ކަމަށެވެ.
"މިކުރިކަމަކީ މުވައްޒަފުންގެ ރިޑަންޑަންސީ ޕްލޭނެއް ފައިނަލްކުރިއިރު، އެސްޓީއޯގެ އެމްޑީވެސް އޭގެ ތެރެއަށް ލައިގެން އެސްޓީއޯގެ އެމްޑީ އެއްވެސް ހާލަތެއްގައި މަގާމުން ވަކިކޮށްފިއްޔާ ނުވަތަ މަގާމުން އިސްތިއުފާ ދިނަސް އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް ފާސްކޮށްފައި އޮތީ. މިއީ ރޯމާ ދުވާލުގައި ދިވެހި ރައްޔިތުންގެ ފައިސާ ލޫޓުވުން،" ޔައުގޫބު ވިދާޅުވިއެވެ.
އަމްރުއަށް ކުރެއްވި ތުހުމުތަށްފަހު ޔައުގޫބު ވިދާޅުވެފައިވަނީ އެސްޓީއޯގެ އެމްޑީއަށް ރައްޔިތުންގެ ފައިސާ ނުހައްގުން ލިބޭ ގޮތަށް ގެނައި ބަދަލާ ގުޅޭ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނުބެލިޔަސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލާނެ ކަމަށެވެ.