ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދެއްކުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގޮލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެ ބިލަށް ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެ ބިލަކީ ވަރަށް ފުރިހަމަ "ޗާލާކީ" ބިލެއް ކަމަށެވެ. އެބިލުގެ ޗާލުކަމަކީ ބިލުގައިވާ ހައްގުތައް އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭ ފަދައިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ލިބެމުންދާކަން ކަމަށެވެ.
ނަމަވެސް ހިތާމައަކީ އެމްޑީޕީގެ ވެރިކަމެއް އޮވެ ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދީ ސިޔާސީ ޚިޔާލު ތަފާތުވުމުން މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަންނަކަން ކަމަށް އީވާ ވިދާޅުވިއެވެ. "އިއްޒަތްތެރި ރައީސް، އެމްޑީޕީން މިހާރު ކުޑަކޮށްވެސް ދައްކާ ވާހަކައަކާ އަމަލަކާ ދިމައެއް ނުވޭ. އެއްކޮޅުން ޤާނޫނު ހުށަހަޅަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރަންވާނެއޭ، ވެރިންނަށް އެމީހުންގެ ސިޔާސީ ފިކުރަށް ބާރު ފޮރުވިގެންނުވާނޭ [ބުނެ]. އަނެއްކޮޅުން ނިމުނު އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަމަލުކުރެއްވީ ސީދާ އެއާ އިދިކޮޅަށް" އީވާ ވިދާޅުވިއެވެ.
އީވާގެ ކުރިން މަޖިލީހުގައި ވާހަކަދެއްކެވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ވާހަކަފުޅު ނިންމަވައިލައްވަމުން މިފަދަ ކަންކަން ހުއްޓުވައިދެއްވުމަށް ރައީސް އިބްރާހީމަށް އިލްތިމާސްކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވައި އީވާ ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންނަށް އަދި ސަރުކާރުގެ މުވައްޒަފުންނަށް ބިރުދެއްކުން ފަސް އަހަރަށް ދެމިގެން ދިއުމުން އެކަމަކީ ސީދާ ރައީސް ކުރައްވާ ކަމެއްކަން އެނގޭ ކަމަށެވެ.
" ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާކަމެއް މިއީ. ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރު ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެމަނިކުފާނަށް ތާއީދުކުރިއްޔާނޫނީ ވަޒީފާގައި ނުތިބެވޭނޭ ނޫނީވިއްޔާ ޑީމޯޓުކުރާނަމޭ މަސައްކަތުން އެކަހެރިކުރާނަމޭ އެއީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާ ކަމެއް ނެތް،" އީވާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމުގެ ވިސްނުންފުޅެއް ނެތްކަމާއި، އެމަނިކުފާނަށް ތާއީދެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހެސްކިޔާފައި ވަޒީފާގެ ބިރުދައްކައި ކަޅު ފައިސާ ބެހުމަކީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަދި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތްކަމަށްވެސް އީވާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ މައްސަލައަކީ އެމްޑީޕީގެ ނަމުގައި ކުރާތީ،" އީވާ ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމުގައި އެކަންކަމާ ދެކޮޅަށް އަޑުއުފުލީ އެމްޑީޕީންކަމަށްވެފައި މިހާރު އެމްޑީޕީން ކުރާ ކަންކަމަކީ އޭނާގެވެސް ނަމުގައި ކުރަމުންދާ ކަންކަންކަމަށް އީވާ ވިދާޅުވިއެވެ.
އަދި ނިމުނު ޕްރައިމަރީގައި އެމްޑީޕީގެ މިނިސްޓަރުން އެބޭފުޅުންނަށްވުރެ ދޮށީ ސްޓޭޓު މިނިސްޓަރުން ހާޒިރުކޮށް ރައީސް އިބްރާހީމަށް ތާއީދުނުކުރާނަމަ ވަޒީފާގައި ނުތިއްބެވޭނެކަމށް ވިދާޅުވެ ބިރުދައްކަވައި އިންޒާރުދެއްވާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. އެ ވަޒީފާތަކަކީ ވަޒީރުންނާއި ރައީސް އިބްރާހީމް ހޯއްދަވައިދެއްވި ވަޒީފާއެއް ނޫންކަމަށާއި، ރައީސް އިބްރާހީމް ހުންނެވި މަޤާމަކީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ހޯދައިދިން ވަޒީފާތަކެއްކަމަށް އީވާ ވިދާޅުވިއެވެ.
"އެމްޑީޕީގެ ނަމުގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދެއްކުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެއް..... ވިސްނުމެއް ނެތިއްޔާ ވިސްނުމެއް އޮތް މީހުންނާ ހަވާލުކުރައްވާފައި ގެއަށް ވަޑައިގެންނެވިއްޔާ މާ ރަނގަޅުވާނެ،" އީވާ ވިދާޅުވިއެވެ.