Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

ކުންފުނީގެ އެމްޑީ ބަދަލުވެ ސްޓެލްކޯ ސިޔާސީ ޖަގަހައަކަށް ވެއްޖެ: އިލްޔާސް

ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓާ ބަދަލުވުމާއެކު އެ ކުންފުންޏަކީ ސިޔާސީ ޖަގަހައަކަށް ބަދަލުވެ ވަކި ބޭފުޅަކަށް ތާއީދުނުކުރާ މުވައްޒަފުންނަށް ކުންފުނީގައި މަސައްކަތްކުރުން ބިރުވެރިކަމަކަށް ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން އިލްޔާސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ ބިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިފަހަކަށް އައިސް ފާހަގަކުރެެވެނީ އެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް ވަޒީފާގެ މާހައުލުގައި އޮންނަ ބިރުވެރިކަންކަމަށް އިލްޔާސް ވިދާޅުވިއެވެ. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ސިޔާސީ ފިކުރު ހުންނަ ގޮތަށް ބަލައި މަސައްކަތުން އެކަހެރިކޮށް ވަޒީފާއިން ވަކިކުރަމުންދާކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާއަށް ވައްދާފައި، އޭނާގެ ސިޔާސީ ފިކުރު ހުންނަ ގޮތުން މަސައްކަތުން އެކަހެރިކުރޭ، އޭނާގެ ޕްރޮމޯޝަން ހިފަހައްޓާ، އޭނާއަށް ޕްރޮމޯޝަން އެބަ ލިބޭ، އެހެން ސައިޓަކަށް ބަދަލުކުރޭ. އެހެން ރަށަކަށް އެބަ ބަދަލުކުރޭ. އެއީ ނިމުނު ސަރުކާރުގައިވެސް މި ސަރުކާރުގައިވެސް،" އިލްޔާސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި އެކަމާމެދު ކަންބޮޑުވަނީ ކުރިން ޕީޕީއެމް ވެރިކަމުގައި އެގޮތަށް ކުންފުނިތަކުގައި މުވައްޒަފުންނަށް ބިރުދައްކާތީ ކަމަށް އިލްޔާސް ވިދާޅުވިއެވެ. "އެމީހުން ވޯޓުލާއިރުގައި ގައިގައި ބޮޑީ ކެމެރާ ހަރުކޮށްފައި އެބަ ފޮނުވާ. އެހިސާބަށް ކަންތައް ހިނގާފައިހުރި ތަން އަޅުގަނޑުމެންނަށް މިދިޔަ އިންތިޚާބުތަކުގައި ފެނިފައިހުރީ،" އިލްޔާސް ވިދާޅުވިއެވެ.

އެގޮތުން ބ.ފެހެންދޫގައި ވަޒީފާ އަދާކުރާ މީހަކު ސަރުކާރަށް ތާއީދުނުކުރާކަމަށް ބުނުމާ ގުޅިގެން މަސައްކަތުން އެކަހެރިކުރުމަށްފަހު ފަސް ވަރަކަށް ދުވަސްފަހުން އޭނާ ވަޒީފާއިން ވަކިކުރިކަމަށާއި، އެމްޑީޕީ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މި މަހުގައި ހިނގިކަމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިތުރަށް އިލްޔާސް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ބޭއްވި ޖަލްސާއަށް އަންނަން ބައެއް ކުންފުނިތަކުގެ ޗެއާމަނުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށެވެ. އެފަދައިން އަމަލުކުރައްވާ ކުންފުނިތަކުގެ ވެރިންނަކީ މަޤާމަށް ކުފޫހަމަވާ ބައެއް ނޫންކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އަދި ކުންފުނިތަކުގެ މުވައްޒަފުން ވެރިންނާމެދު ހިތްހަމަނުޖެހިގެން ޝަކުވާކުރުމާ ގުޅިގެން އަދަބު ދެމުން އަންނަނީ އެ މުވައްޒަފުންނަށް ކަމަށާއި، މުވައްޒަފުން ވެރިންނާމެދު ޝަކުވާކުރާ ހާލަތްތަކުގައި އެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތަކަށް ޤާނޫނު ފަރުމާކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ވަކި ކުންފުންޏެއް މިސާލެއްގެ ގޮތުގައި ނަންގަވައި އިލްޔާސް ވިދާޅުވީ ސްޓެލްކޯއަކީ އެކަށީގެންވާ މިންވަރަށް ޕްރޮފެޝަނަލްކޮށް ހިނގަމުން އައި ކުންފުންޏެއް ކަމަށެވެ. "ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބަދަލުވެ މިހާރު މުޅި ކުންފުނި ބަދަލުވަނީ ސިޔާސީ ޖަގަހައަކަށް. އެ ކުންފުނީގައި އުޅޭ މީހަކު ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހިތްހަމަނުޖެހޭ ގޮތަކަށް ސިޔާސީ ކަމެއްގައި އުޅެއްޖެއްޔާ ކުންފުނީގައި ވަޒީފާ އަދާކުރުން ބިރުވެރިކަމަކަށް ބަދަލުވެފައިވާކަމަށް ފާހަގަވަނީ،" އިލްޔާސް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ވިލަރެސްކުރާ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވާ އިލްޔާސް ވިދާޅުވީ ސްޓެލްކޯގެ ގިނަ މުވައްޒަފުން އެކަމުގެ ޝަކުވާކުރަމުން އަންނަ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ މުވައްޒަފުންނަށް ބިރުވެރި މާހައުލެއް އޮތްކަން ރައީސް އިބްރާހީމަށް އެނގިވަޑައިނުގަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވަން އެމަނިކުފާނު ކުފޫހަމަނުވާ ކަމަށެވެ. އެހެންނޫންނަމަ އެ މައްސަލަތައް އަވަހަށް ހައްލުކުރުމަށްވެސް އިލްޔާސް ރައީސަށް އިލްތިމާސްކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ