Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާ ވަޑައިގަންނަވާނެކަމަށެވެ.

ރައީސް އިބްރާހީމް މި ދަތުރުފުޅުގައި ފުރާވަޑައިަގަންނަވާކަން ހާމަކުރުން ފިޔަވާ މި ދަތުރުފުޅުގެ އިތުރު އެއްވެސް ތަފްސީލެއް މިއުވާން ދެއްވާފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ރައީސް އިބްރާހީމްގެ މި ދަތުރުފުޅަކީ އެމަނިކުފާނު ޑޮކްޓަރަށް ދައްކަވަން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މީގެ ކުރިން އެމަނިކުފާނު ވަނީ ތައިރޮޑް އޮޕަރޭޝަނަކަށް އެ ގައުމަށް ވަޑައިގެންފައެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މިއަދު ސިންގަޕޫރަށް ވަޑައިގަންނަވާއިރު ސަރުކާރު ހޮސްޕިޓަލް އައިޖީއެމްޗްގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ޓްވީޓަ ފަދަ ޕްލެޓްފޯމުތަކުގައި ޑޮކްޓަރުން އަންނަނީ ހާމަކުރަމުންނެވެ.

ރައީސް އިބްރާހީމް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާކަން ހާމަކޮށްފައިވާއިރު ރައީސް އިބްރާހީމްގެ ދެކަނބަލުން މިދިޔަ އަހަރުގެ ތެރޭގައިވެސް ސިންގަޕޫރަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވެއެވެ.

ރައީސް އިބްރާހީމަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް އެންމެ ގިނައިން ދަތުރުކުރެއްވި ރައީސްއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2023 އިން 9 ފެބުރުއަރީ 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 15.5 ނުވަތަ 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 1.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިއަހަރު ދަތުރުތަކަށް މުޅި ޖުމުލަ ބަޖެޓުކޮށްފައިވަނީ 210.2 މިލިއަން ރުފިޔާ ބަޖެޓެކެވެ. ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ދަތުރުތަކަށް ހަރަދުކުރާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރިވަރަށް ވުރެ އެތަށް މިލިއަނެއް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައިވެއެވެ.

ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހީމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތައް ކުރައްވާފައެވެ. މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ