Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ދިފާއީ ވަޒީރުކަމަށް މާރިޔާ ކުފޫ ހަމައެއްނުވޭ، އަޒުލުކުރަންޖެހޭ: ޝިޔާމް

ޑިފެންސް މިނިސްޓަރުގެ މަޤާމަށް އެމަޤާމުގައި މިހާރު ހުންނެވި މާރިޔާ އަޙްމަދު ދީދީއަކީ ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށާއި، އޭނާ އެ މަޤާމުން ވަކިކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރު އޮފީސްތައް ހިންގުމަށް މާލެއިން ބޮޑު އަގުގައި ކުއްޔަށް އިމާރާތްތައް ނަގަންޖެހޭ މައްސަލަ ހައްލުކުރަން ގޮވައިލާ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މާރިޔާއަކީ މަޤާމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވައި މިނިސްޓަރުން ޒިންމާދާރުކުރުވަން މަޖިލީހުން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު (ސެމްބެ) ހުށަހެޅުއްވި ކުއްލި މައްސަލައަކީ މުހިއްމު މައްސަލައެއްކަމަށާއި ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން މަޖިލީހުގެ އެމްޑީޕީ މެންބަރުން ބޭނުންފުޅުވާނަމަ އެ ކުއްލި މައްސަލަ ބަލައިގަންނާނެ ކަމަށާއި ނަމަވެސް މިއަދު ފެނުނީ އެ މައްސަލަވެސް މަޖިލީހުން ބޭރުކޮށްލި މަންޒަރުކަމަށް ޝިޔާމު ވިދާޅުވިއެވެ.

ސެމްބެ ހުށަހެޅުއްވި ކުއްލި މައްސަލައަކީ ޕީޕީއެމްގެ ހުޅުމަލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އިންޑިއާއަށް އާއިލާއާއެކު ބޭސްފަރުވާއަށް ވަޑައިގެން ހުންނަވަނިކޮށް ހައްޔަރުކޮށް ވީނުވީއެއް ނާނގައި ބަންދުކޮށްގެން އެތައް ގަޑިއިރަކު ފިނި ކޮޓަރިއެއްގައި އޭނާގެ ބޭސްވެސް ނުދީ ގެންގުޅުމަށްފަހު ރާއްޖެއަށް ފޮނުވައިލުމުން އޭނާއަށް މާރިޔާ މަލާމާތްކުރައްވައި ފުރައްސާރަކުރެއްވުން ކުށްވެރިކޮށް ހުށަހެޅި ކުއްލި މައްސަލައެކެވެ.

"ދިވެހިރާއްޖޭގެ ސަލާމަތާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ނުރައްކާތެރި ކަންކަން ރާއްޖޭގައި ހިނގާއިރު އެކަންކަމަށް ޖޯކުޖައްސަވައި މަލާމާތްކުރައްވަން ޑިފެންސް މިނިސްޓަރު ހުންނަވަނީ،" ޝިޔާމު ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ މާލޭގެ އެންމެ ބައިބޯ ކާރޫބާރޫ ބޮޑު މަގުގައި ބޮމެއް ގޮއްވައިލުމުން، އަދި ދިވެހި ސަލާމަތީ ޚިދުމަތްތަކުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް މަލާމާތްކުރެއްވުމުން ވަޒީރުންނަށް އެ މަޤާމުތަކުގައި ތިބެވެންޖެހޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެވަޒީރުންނަށް މާލޭ އެންމެ ބައިބޯ މަގުގައި އެންމެ މީހުން ގިނަ ވަގުތުގައި ބޮން ގޮއްވަން ޖާގަދީފައި މަޤާމުގައި ހުރެވިގެން ނުވާނެ. އެވަޒީރަށް ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ބޭނުންފުޅު ބަސްމަގު ބޭނުންކުރައްވައިގެން ދަށު ދަރަޖައިގެ ބަސްމަގު ބޭނުންކުރައްވައިގެން ވާހަކަދެއްކެވީމައި މަޤާމުގައި ހުރެވިގެންވާނެކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން،" ޝިޔާމް ވިދާޅުވިއެވެ.

އަދި ރާއްޖެ ބޭރުގެ ބާރަކަށް ވިއްކައި ދަރުވައި ދިވެހި ސިފައިންނަކީ ފިނދަނަތަކެއްކަމަށް ސިފަކުރެއްވި ބޭފުޅަކަށް ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މާރިޔާއަކީ މަޤާމަށް ކުފޫހަމަވާ ބޭފުޅަކަށްނުވާތީ އޭނާ މަޤާމުން ވަކިކުރަން މަސައްކަތްކުރަމުންދާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ