Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރުގެ ހަރަދު

ރައީސް އިބްރާހީމްގެ ދެކަނބަލުން ވޯލްޑް ކަޕް ބަލަންދާން ހަރަދުވީ 9 ލައްކަ ރުފިޔާ: ރައީސް އޮފީސް

ފާއިތުވި އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުގައި ޤަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބައްލަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ޤަތަރަށް ވަޑައިގަންނަވަން 997،743 ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" އިން އެ މައުލޫމާތު ހޯދަން އެދުނުތާ އެތައް ދުވަހެއްފަހުން، ރައީސް އޮފީހުން އިއްޔެ ލިޔުމުން ދިން ޖަވާބުގައި ބުނެފައިވާގޮތުގައި އެ ދަތުރުފުޅަށް 997،743 ރުފިޔާ ހަރަދުވިއެވެ. އެއީ

  • - ޕޮކެޓު މަނީ: 150،822 ރުފިޔާ
  • - އިންސިޑެންޓަލް ހަރަދު: 76،950 ރުފިޔާ
  • - ހުންނެވުމާއި ފަރިއްކޮޅު ހަރަދު: 414،555.70 ރުފިޔާ
  • - ޓިކެޓު ހަރަދު: 355،415.58 ރުފިޔާ

ރައީސް އިބްރާހީމް ޤަތަރަށް ވަޑައިގެންނެވީ އެ ޤައުމުގެ އަމީރުގެ ދައުވަތަކަށް ކަމަށް ވިދާޅުވެއެވެ. އަދި ޓިކެޓު ފިޔަވައި އެހެން ހަރަދުތައް ހަމަޖައްސަނީ ޤަތަރުގެ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު ރައީސް އޮފީހުން މިހާރު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ދަތުރުގެ ހަރަދުތައް ކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ. އަދި ޤަތަރުގެ އަމީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ވިދާޅުވި ނަމަވެސް ރައީސް އިބްރާހީމްއާއި ޤަތަރުގެ އަމީރާއި ބައްދަލުވެސް ނުވެއެވެ.

އެ ދަތުރުފުޅަށް ހަރަދުވީ 9 ލައްކަ ރުފިޔާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއަށްވުރެވެސް ދަތުރުހަރަދު އިތުރުކަމަށް ދިޔަރެސް އަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން ރައީސް އޮފީހުން އެ ދަތުރުފުޅަށް 4 މިލިއަން ރުފިޔާ ބަޖެޓުކުރެއްވި ކަމަށްވެއެވެ.

ރައީސް އިބްރާހީމްގެ މިފަދަ ދަތުރުފުޅުތަކަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހެއެވެ. މިދިޔަ އަހަރު އިނގިރޭސީ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވިއެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ރައީސް އިބްރާހީމް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ