ޖަޕާނަށް އުފަން ބޮޑު ޕެންޑާއަކަށް އަލްވަދާއުކިޔަން ޖަޕާނުގެ އެތައްހާސް ބައެއް އެ ޕެންޑާ ދިރިއުޅުނު ޒޫ ކައިރިއަށް އެއްވެއްޖެއެވެ.
މި ޕެންޑާއަކީ 2017 ވަނަ އަހަރު ޓޯކިޔޯގެ ޔުއެނޯ ޒޫއަށް އުފަންވި ޕެންޑާއެކެވެ. އެ ޕެންޑާއަކީ އެ ދުވަހުން ފެށިގެން އެ ޒޫގެ ރަމްޒެވެ. ޝިއަން ޝިއަންގެ ނަން ދީފައިވާ ޕެންޑާ އޭގެ އަސްލު ވަޒަންކަމަށްވާ ޗައިނާއަށް ގެންދަންވަނީ ނިންމާފައެވެ.
ޝިއަން ޝިއަން އެންމެ ފަހު ފަހަރަށް ބަލައިލުމުގެ ފުުރުސަތު ލިބުނީ ގިނަ ބަޔަކު ބައިވެރިވި ވާދަވެރި ގުރުއަތަކުން ހޮވައިލެވުނު 2،600 މީހުންނަށެވެ. ގުރުއަތުން ޕެންޑާ ދެކިލަން ފުރުސަތު ނުލިބުނު އެތައް ހާސް ބަޔަކަށްވެސް ބޭރުން ޕެންޑާއަށް އަލްވަދާއުކިޔަން ފުރުސަތު ދިނެވެ.
ޝިއަން ޝިއަން އުފަންވީ ޓޯކިޔޯގެ ޒޫއަށް ކަމުގައިވީ ނަމަވެސް އޭގެ މައިންބަފައިންކަމަށްވާ ރީ ރީއާއި ޝިން ޝިންއަކީ ޗައިނާއިން އަނބުރާ ފޮނުވަންޖެހޭ ގޮތަށް އެ ޒޫއަށް ދިން ދެ ޕެންޑާއެވެ.
ޗައިނާގެ ހެޔޮ ނިޔަތާއި ރަނގަޅު ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ޗައިނާއިން އެހެން ޤައުމުތަކަށް ޕެންޑާ ފޮނުވައެވެ. ނަމަވެސް އެތަކެއްޗާއި އެތަކެއްޗަށް ލިބޭ ޅަ ޕެންޑާތަކުގެ މިލްކުވެރިކަން އޮންނާނީ ޗައިނާއަށެވެ. ޕެންޑާއަކީ ޗައިނާގެ ހުޅަނގުއިރުމަތީގައި ދިރިއުޅޭ، އެ ޤައުމުގެ ނުރަސްމީ މެސްކޮޓެވެ.
ޝިއަން ޝިއަން ދެކިލަން އައި ފަރާތްތައް 10 މީހުންގެ ގުރޫޕުތަކަށް ބަހައިލާ ކޮންމެ ގުރޫޕަކަށް އެއަށް އަލްވަދާއުކިޔަން ކުޑަ ވަގުތުކޮޅެއް ދީފައިވެއެވެ. އެ ވަގުތުކޮޅު ޕެންޑާ ދެކިލަން ވަން މީހުންވަނީ ފޯނުތަކުން އެ ޕެންޑާގެ ހުރިހާ ހަރަކާތްތަކެއް ރެކޯޑުކޮށް ފޮޓޯ ނަގާފައެވެ.
ޔުއެނޯ ޒޫގެ ދެ މުވައްޒަފުންނާއެކު އަންގާރަދުވަހު ޝިއަން ޝިއަން ޗައިނާއަށް ވައިގެން މަގުން ފޮނުވައިލާނެއެވެ. ސިޗުއާން ޕްރޮވިއެންސްގައި ޕެންޑާގެ އަސްލު ވަޒަނާ ވަރަށް ކައިރީގައި ހުންނަ ފެސިލިޓީއެއްގައި ޝިއަން ޝިއަން ބަލަހައްޓަމުންގެންދާނެއެވެ.
ޖަޕާނުގެ އެޑްވެންޗާ ވޯލްޑުގައި ދިރިއުޅެމުން އަންނަ، 1994 ވަނަ އަހަރު ޗައިނާއިން ދިން ޕެންޑާއެއްކަމަށްވާ އެއިމީއާއި އޭގެ ދެ އަންހެން ދަރިންކަމަށްވާ އޯހިންއާއި ޓޯހިން ބުދަދުވަހު ޗައިނާއަށް ފޮނުވާނެއެވެ. މައިގަނޑުކޮށް މި ތިން ޕެންޑާ ޗައިނާއަށް ގެންދަނީ ދެ އަންހެން ޕެންޑާއާ ޖޯޑުވާން އެކަށީގެންވާ ބައިވެރިންތަކެއް ހޯދުމަށެވެ.
ވަރަށް މަދުން ވިހާ ޕެންޑާއަކީ އޮނު ކައި އުޅޭ ޖަނަވާރެކެވެ. މި ޖަނަވާރަކީ ދުނިޔޭގައި ނެތިދިއުމުގެ ނުރައްކާ އެންމެ ބޮޑު ޖަނަވާރުތަކުގެ ލިސްޓުގައި ހިމެނޭ ޖަނަވާރުތަކެކެވެ. ޕެންޑާ ދިރިއުޅޭ އަސްލު މާހައުލުގައި 1،800 ޕެންޑާ އުޅޭކަމަށް އަންދާޒާކުރެވޭއިރު ޒޫތަކާއި ރިޒާވްތަކުގައި 500 އެއްހައި ޕެންޑާ އުޅޭކަމަށްވެއެވެ.