ބޭރު ގައުމެއްގެ ސިފައިން، ދިވެހިންގެ ކަނޑުތަކާއި ފަޅުތައް މިލްކުކޮށްގެންތިބުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ އުސޫލެއް ނޫން ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އުތުރު ތިލަފަޅާއި، ތިލަފުށިން ބިންވިއްކުމާއި، ކަނޑުގެ އަޑިއާއި، އޭވިއޭޝަން ކޮންޓްރޯލު ދިނުމާއި، އެއާޕޯޓުތައް ދިނުމުންގޮސް ރާއްޖޭގެ ހުރިހާ އެސެޓެއް އިންޑިއާ އަށް ވިއްކާލާފައިވާ ކަމަށެވެ. އަދި ޒުވާނުންގެ މާދަމާވެސް ރަހުނުކޮށް މިއަދު ވިއްކާލައިފި ކަމަށް ސައީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް ނޫން ބޭރުގެ ސިފައިން އައިސްތިބެ އަޅުގަނޑުމެނގެ ކަނޑުތަކާއި، ފަޅުތައް މިލްކު ކޮށްގެންތިބުންމެމްބަރު ސައީދު
ސައީދު ވިދާޅުވީ މި ސަރުކާރުން ރަހުނުކުރި އިތުރު ބައެއް ތަންތަނުގެ ތެރޭގައި އިސްކަންދަރު ސުކޫލް، ރައީސް ޔާމީން އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހިމެނޭކަމަށެވެ. މުޅި ރާއްޖެއަށް ބެލި ނަމަވެސް ހަރު މުދަލެއް ހުރިއްޔާ އެ ހަރު މުދަލެއް އެމްޑީޕީއިން ވިއްކާ ހުސްކޮށްފި ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާއިން ބޮޑެތި ލޯނުތަކެއް ނަގާފައިވާ ކަމަށާއި، ނުވިތާކަށް ރައީސް ޔާމީންގެ ފަސް އަހަރުން ހިއްކި ބިންތަކުގައި ހުރި ގެތަކާއި، ހުސްބިންތައް ވެސް އެމީހުން ބޭނުން ގޮތަކަށް ބަހާލާފައިވާ ކަމަށެވެ.
މިވަރުގެ ބަޔަކު ޖަވާބުދާރީ ކުރުވުމަށް ކޮންމެ މީހަކު ވެސް އެންމެ ކުޑަމިނުން، އިންޑިއާ ސިފައިންނަށް މިގައުމުގައި ނުތިބެވޭނެ ކަމަށް ބުނަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.