ކްލަބްހައުސްގައި ދެއްކި ވާހަކައެއްގެ ތެރެއިން އެކި ތަންތަނުގައި ހުޅުޖަހަން ގޮވައި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކޮށްފި އެވެ.
ދައުލަތުން މިއަދު އޭނާގެ މައްޗަށް އުފުލާފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޑިސެމްބަރު 22، 2022 ގައި ކްލަބްހައުސްގައި އައްބާސް ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އަދި ޑިސެމްބަރު 23، 2022 ގައި އައްބާސްގެ ޓުވިޓާ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން މައްސަލައިގައި މިދިޔަ ޑިސެމްބަރު 25 ގައި އައްބާސް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދަށް މުއްދަތުވެސް އިތުރުކުރި އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.