Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ އިސްވެރިއަކު، ފިރިހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް

އިމިގްރޭޝަންގެ ޑިޕާޓްމަންޓެއްގެ އިސް މަގާމެއްގައި ހުރި ފިރިހެނަކު، އެ މުއައްސަސާގައި މަސައްކަތް ކުރާ އެހެން ފިރިހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަން ހިނގި ގޮތް އެ މުވައްޒަފު ވަނީ އިމިގްރޭޝަންގެ އިސްވެރިންނަށް ލިޔުމުން އަންގާފައެވެ. މިގޮތުން ކަން ހިނގައި ދިޔަގޮތް ކިޔައިދެމުން އެ ފިރިހެން މުވައްޒަފު ބުނި ގޮތުގައި ވަޒީފާގެ ގޮތުން އޭނާއަށްވުރެ މަތީ މަގާމެއްގައި ހުރި މީހަކަށް ވާތީ އެ ފިރިހެން މީހާއަކީ އަބަދުވެސް މެންޓާއެއްގެ ގޮތުގައި ދެކެމުން އައި މީހެކެވެ.

މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އޭނާ އެ ފިރިހެން މީހާގެ ގެއަށް ދިޔައީ އޭނާ ދެއްކި އެހެން ވަޒީފާއެއްގެ މަޝްވަރާ ކުރުމަށް ކަމަށާއި، އެ ވަޒީފާގެ ކަންތަކުގައި އެހީ ވާނެކަމަށް ބުނުމުންނެވެ. އޭނާ އެ ގެއަށް ގޮސް ވަނުމުން އެންމެ ފުރަތަމަވެސް ބައްދާލުމަށް އެ ފިރިހެން މީހާ އެދުނު ކަމަށާއި، އެއީ ރަހުމަތްތެރިކަމުގެ ކަމެއް ކަމަށް ބަލައި އޭނާވެސް ބައްދާލީ އެވެ.
އެއާއެކު އެ ފިރިހެން މީހާ އޭނާގެ ގައިގައި ނުރަނގަޅު ގޮތްގޮތަށް އަތްލާންފެށި ކަމަށާއި އަދި ތުންފަތުގައި ބޮސްދޭން މަސައްކަތްކުރި ކަމަށްވެ އެވެ. އެހިސާބުން އެކަން ހުއްޓުވުމަށްފަހު އޭނާ ދުރަށް ދިއުމުން އަނެއްކާވެސް އެ ފިރިހެން މީހާ އޭނާގެ ޖިންސީ ގުނަވަނުގައި ހިފި ކަމަށް ވެސް އެނާ ބުނެފައިވެ އެވެ.

އަދި ތަކުރާރުކޮށް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނުމުންވެސް، ގުޅުން ނުކެނޑުމަށާއި އެކަން އެހެން މީހެއް ކައިރީ ނުބުނެ ބޭއްވުމަށް އެ ފިރިހެން މީހާ އެދުނުކަމަށްވެ އެވެ. އެކަން އެ ގޭގައި ހިނގިއިރު، އެ ފިރިހެންމީހާގެ އަންހެނުންނާއި ދަރިފުޅުވެސް ގޭގައި ނިދާފައި އޮތްކަމަށްވެ އެވެ.

އެ ހާދިސާއަށްފަހު، އިމިގްރޭޝަން އޮފީހުގެ އަހަރީ ކަލަންޑަރުގެ ފޮޓޯ ނެގުމަށް ބޭއްވި ފޮޓޯ ޝޫޓެއްގައިވެސް އެ ފިރިހެން މީހާ އޭނާގެ ފޮޓޯތައް އަމިއްލަ ފޯނުން ނެގި ކަމަށާއި، ފޮޓޯތައް ޑިލީޓުކުރަން އެދުމުން އެއްވެސް މީހެއް ކައިރީ އެވާހަކަތައް ނުދެއްކުމަށް އެދުނު ކަމަށްވެ އެވެ.

އެ މައްސަލަ އިމިގްރޭޝަނަށް ރިޕޯޓު ކުރި އިރު، ގާނޫނުގެ ދަށުން ކޮންމެ މުއައްސަސާއެއްގައިވެސް ހުންނަން ޖެހޭނެ ކަމަށް ބުނާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީވެސް އިމިގްރޭޝަންގައި ނެތްކަމަށް މައުލޫމާތު ލިބެއެވެ. އެ ކޮމިޓީ އެކުލަވާލީ މައްސަލަ ހުށަހެޅުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)ގެ ސަމާލުކަމަށްވެސް މިހާރު ވަނީ އައިސްފައެވެ. މައްސަލަ ބަލާނެ ކަމަށް ހަނަފީ ވިދާޅުވި ނަމަވެސް އަދިވެސް އެ ފިރިހެން މީހާ ހުރީ ހަމަ އެ މަގާމުގައި ކަމަށާއި ފިޔަވަޅު ނާޅާކަމަށްވެ އެވެ. މި ކަމާ ގުޅިގެން ކޮމެންޓެއް ހޯދުމަށް "ދިޔަރެސް" އިން ހަނަފީ އަށް ގުޅުމަށްފަހު "ޖިންސީ ފުރައްސާރައިގެ މައްސަލައެއް" އެހެން ބުނެވުނުތަނާ ހަނަފީ ވަނީ "ހަލޯ ހަލޯ" ވިދާޅުވުމަށްފަހު ފޯނުން އަޑު އިވިވަޑައިނުގަންނަވާ ކަމަށް ހެއްދެވުމަށްފަހު ފޯނު ކަނޑާލައްވާފައެވެ. އެފަހުން ތަކުރާރުކޮށް ފޯނު ކުރުމުންވެސް ހަނަފީ ފޯނު ނުނެންގެވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ އޮފީސް ތެރެއިންވެސް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފަށް އިތުރަށް ބިރުދައްކައި، އޭނާގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެ ވާހަކަ ނުދެއްކުމަށް ދަނީ އަންގަމުންނެވެ. މި މައްސަލައާ ގުޅޭގޮތުން އިމިގްރޭޝަންގެ ތަރުޖަމާނާއި ސުވާލުކުރުމުން ވިދާޅުވީ އެފަދަކަމެއް ހިނގިތޯ ޖެހޭނީ ބަލަން ކަމަށެވެ.

މި މައްސަލާގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ފިރިހެން މުވައްޒަފު މިހާރު ވަނީ ފުލުހަށްވެސް މި މައްސަލަ ހުށަހަޅާފައިކަމަށް މައުލޫމާތު ލިބެއެވެ.

މި ލިއުމާއި ގުޅޭ