Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާޟީ އަޙްމަދު ޝަކީލު

ރައީސް ޔާމީނަށް ހުކުމްކުރި ގާޒީ ޝަކީލް އިންޑިއާއިން ހާއްސަ ތަމްރީނެއް ފުރިހަމަކޮށްފި

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ޖަލު ހުކުމެއް ކުރެއްވި، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް އިންޑިއާއިން ހާއްސަ ތަމްރީނެއް ފުރިހަމަ ކުރައްވައިފިއެވެ.

ގާޒީ ޝަކީލް އިންޑިއާއިން ތަމްރީނެއް ފުރިހަމަކުރައްވާފައިވާއިރު މިހާރަކަށް އައިސް ތަމްރީނުތައް ދޭންކަމަށް ބުނެ ވަރަށް ގިނަ ފަނޑިޔާރުން އިންޑިއާއަށް ފޮނުވައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުން އިންޑިއާއަށް ފޮނުވާފައިވެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުން މިފަދައިން ތަމްރީނުތަކަށް ފޮނުވުން ގިނަ ބަޔަކު ސިފަކުރަނީ އިންޑިއާއިން ރާއްޖެގެ ކަންކަމަށް ނުފޫޒު ފޯރުމުގެ ގޮތުގައެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ނެރުނު ރިޔާސީ ގަރާރު ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދުގެ ތަފުސީލު ހާމަނުކުރި މައްސަލަ ފަދަ އިންޑިއާގެ މަސްލަހަތު ހިމެނޭ މައްސަލަތަކަށް އިންޑިއާގެ އެމްބަސީގެ ނުފޫޒު އޮންކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

އަދި މި މައްސަލަތައް ހިނގަމުން ދަނިކޮށް އެ މައްސަލަތަކުގެ ބެންޗުތަކުގައި ތިބޭ ގާޒީން އިންޑިއާ އެމްބަސީ މެދުވެރިވެގެން އިންޑިއާއަށް ތަމްރީނުތަކުގައި ފޮނުވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އިންޑިއާއަށް ތަމްރީނުތަކުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުން ފޮނުވަން މި ސަރުކާރުން ފަށާފައިވާއިރު އިންޑިއާގެ ޖުޑިޝަރީއަކީ ވަރަށް ކޮރަޕްޓު އަދި ބޯދާ ގޮތްތައް ގެންގުޅޭ ޖުޑިޝަރީއެކެވެ.

އެ ޤައުމުގެ ކޯޓުތަކުގައި އެތައް މިލިއަން މައްސަލައެއް ހިނގަމުން ދާއިރު އޭގެތެރެއިން ބައެއް މައްސަލަތައް ނުނިމި ދިގުލައިގެންގޮސް މައްސަލަތަކުގެ ހަސްމުން މަރުވެފައިވެސް ވެއެއެވެ. ދާދި ފަހުން އިންޑިއާގެ ކޯޓަކުން 72 އަހަރުވީ މައްސަލައެއް ނިންމާފައިވެއެވެ. އަދި މިހާރުވެސް 70 އަހަރުވީ ދެ މައްސަލަ އިންޑިއާގެ ކޯޓުތަކުގައި ހިނގަމުން އަންނަ އިރު 30 އަހަރަށްވުރެ ގިނަ ދުވަސްވީ 1 ލައްކައަށް ވުރެ ގިނަ މައްސަލަ އިންޑިއާގެ ކޯޓުތަކުގައި ނުނިމި އެބައޮތެވެ.
މި ލިއުމާއި ގުޅޭ