މިހާރު ބާސެލޯނާ އާއި ރެއާލްއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. އެކަމަކު ރެއާލުން ވަނީ ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެއްވަނައިގެ ލީޑު ފުޅާކުރެވޭނެ އެވެ. ބާސެލޯނާ އަށް 56 ޕޮއިންޓް ލިބިފައިވާއިރު ރޭގެ މޮޅާ އެކު ރެއާލަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.
ގޯލެއް ޖަހަން އުނދަގޫވި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިފައެއްނުވެ އެވެ. އެކަމަކު ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެޓީމުން ލީޑު ނެގީ މެޗުގެ ފަހުކޮޅު އެވެ. 78 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވޭޑޭ އެވެ. މިއީ މި ސީޒަނުގެ ލީޑުގައި ވަލްވޭޑޭ ޖެހި ހަތްވަނަ ގޯލެވެ. މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ.
ރެއާލް އަތުން ބަލިވި އޮސަސޫނާ އޮތީ 30 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެއާލް ބެޓިސް ވަނީ ރެއާލް ވަލަޑޮލިޑް އަތުން 1-2 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު އެޓީމު ވަނީ ފަސް ވަނަ އަށް ކުރިއަށްޖެހިލާފަ އެވެ. ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ސެލްޓަ ވީގޯއާ އެއްވަރުވެފަ އެވެ. ރޭ މަޔޯކާ ވަނީ އަމިއްލަ ދަނޑުގައި 2-4 އިން ވިޔަރެއާލް ބަލިކޮށް އަށް ވަނަ އަށް އަރައިފަ އެވެ.