ދެވަނަ ދައުރެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ރައްޔިތުން ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމަށް އެންމެ ގިނަވެގެން ވެސް ލިބިވަޑައިގަންނަވާނީ 40 ހާސް ވޯޓު ކަމަށެވެ.
އެއީ ވޯޓުލާ މީހުންގެ %15 ޕަސެންޓު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ރައީސް އިބަރާހިމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރޭ ހަވާލުކުރައްވާފައިވާއިރު، އެ އިންތިޚާބާ ބެހޭ މައްސަލައެއް ވަނީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.
އެތެރޭގެ އިންތިޚާބުގައި ރައީސް އިބްރާހިމްގެ ފެކްޝަނުން އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރަމުންދާއިރު، ޕާޓީ ދެބައިވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ރައްދު ދެމުންނެވެ.
އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުން ގެންދަވަނީ ރައީސް އިބްރާހިމްގެ ނާގާބިލު ކަމުގެ ވާހަކަ ދައްކަވަމުންނެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެ ވެރިއަކު އެމްޑީޕީއިން ނިކުންނަވަން ޖެހޭ ކަމަށް ވިދާޅުވެ އެބޭފުޅުންގެ ޝުއޫރު ފާޅުކުރައްވަމުންނެވެ.
އަދި އެމްޑީޕީގެ އާންމު މެމްބަރުން ވެސް މި ސަރުކާރާމެދު އެއްވެސް އުންމީދެއް ނެތް ކަމަށް އެމެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.