ސީ އޮފް ޖަޕާންއާއި ދިމާލަށް އުތުރު ކޮރެއާއިން މިސައިލްއެއް ފޮނުވާލައިފިކަމަށް ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްއިން ބުނެފިއެވެ. ޖަޕާނުގެ ކޮސްޓް ގާޑުންވެސް އެ މިސައިލް ފޮނުވާލިކަމަށް ފާހަގަކޮށްފައިވެއެވެ.
އުތުރު ކޮރެއާގެ ހާރިޖީ ވުޒާރާއިން މިފަހުންވަނީ ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ބާއްވަން ރާވައިފައިވާ އަސްކަރީ ތަމްރީނުތަކާއި ގުޅިގެން އެކަމާއި ދެކޮޅަށް "މިހާތަނަށް ފެނިފައިނުވާވަރުގެ" ފިޔަވަޅު އަޅާނެ އިންޒާރު ދީފައެވެ. އެ މިސައިލް ފޮނުވާލާފައިވަނީ އެ އިންޒާރު ދިންތާ 1 ދުވަސް ފަހުންކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
ދެކުނު ކޮރެއާ އަދި އެމެރިކާ ގުޅިގެން ޖޮއިންޓް ތަމްރީންތަކެއް ވޮޝިންގްޓަންގައި އަންނަ ހަފްތާގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
މިދިޔަ ހުކުރު ދުވަހު އުތުރު ކޮރެއާއިން ނެރުނު ބަޔާނެއްގައި، އެމެރިކާއާއި އަދި ދެކުނު ކޮރެއާ ގުޅިގެން މިއަަހަރު 20 އަށް ވުރެން ގިނަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން އިންތިޒާމުކުރާކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އަދި އެ ތަމްރީންތައް ސިފަކުރަމުން އެ ގައުމުންވަނީ "ސަރަހައްދުގެ ސުލަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި އުޅޭ ދުޝްމަނުންކަމަށް" ބުނެފައެވެ.
ވޮޝިންގްޓަންގައި ބާއްވަން ހަމަޖެހިފައިވާ ތަމްރީންތަކުގައި، އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ހާލަތެއްގައި އެޅޭނެ އަސްކަރީ ފިޔަވަޅުތަކަށާއި، އެފަދަ ހާލަތެއްގައި ދެ ގައުމަށް ކުރާނެ ނުރައްކާ އެންމެ ކުޑަ ކުރަން ކުރެވޭނެ ކަންކަމުގެ މަޝްވަރާ ކުރެވިގެންދާނެކަމަށް، ދެކުނު ކޮރެއާއިން ބުނެއެވެ. ހަމައެއާއިއެކު މާރިޗު މެދުތެރޭގައިވެސް މިހާތަނަށް ފެނިފައިނުވާވަރުގެ ބޮޑު ފީލްޑް ތަމްރީންތަކެއް ބާއްވަން އިންތިޒާމްކުރެވިފައިވާ ކަމަށް ދެކުނު ކޮރެއާގެ ނޭޝަނަލް ޑިފެންސް ޕޮލިސީގެ ޑެޕިއުޓީ މިނިސްޓަރ ހިއޯ ޓައޭ-ކުން ވިދާޅުވިއެވެ.
އެންމެ ފަހުން އުތުރު ކޮރެއާއިން ފޮނުވާލި ބަލިސްޓިކް މިސައިލް ހިމެނޭހެން މިހާތަނަށް މިއަހަރުގައި ވަނީ ރިކޯޑް އަދަދަކަށް ބަލިސްޓިކް މިސައިލްތައް ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި ހަމައަށް ފޯރާވަރުގެ ގާބިލްކަން ހުރި އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ދެކުނު ކޮރެއާ އަދި އެމެރިކާއާއި ދެކޮޅަށް ނިއުކްލިއާ ހަމަލާ ދިނުމުގައި ބޭނުންކުރާނެ އުކުޅުތަކާއި، އެފަދަ ހާލަތެއް ދައްކުވައިދޭ ތަމްރީންތަކެއް އުތުރު ކޮރެއާއިން ބާއްވާފައިވެއެވެ. އަދި އެގައުމަކީ "ބަދަލުނުކުރެވޭނެ" ނިއުކްލިއާ ގައުމެއްކަމަށް ކަނޑައަޅާފައި ގާނޫނެއްވެސް ހަދާފައިވެއެވެ.
އުތުރު ކޮރެއާއިން ބާއްވާ ނިއުކްލިއާ ތަމްރީންތަކާއި ގުޅިގެން، ދެކުނު ކޮރެއާއާއި އެ ގައުމުގެ އިއްތަހާދު ގައުމުތަކުން ޖޮއިންޓް އަސްކަރީ ތަމްރީނުތައް ބޭއްވުން އިތުރުކޮށްފައިވެއެވެ.