Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްރިކާ

އެމް23ގެ ހަނގުރާމަވެރިން ކޮންގޯގައި 20 ފިރިހެނުން ޤަތުލުކޮށް 66 އަންހެނުން ރޭޕުކުރި: އެމްނެސްޓީ

އެމް23ގެ ހަނގުރާމަވެރިން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީގައި މަދުވެގެން 20 ފިރިހެނުން ޤަތުލުކޮށް ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެންކުދިން ރޭޕުކޮށްފައިވާކަމަށް ހުކުރުދުވަހު އެމްނެސްޓީ އިންޓަނޭޝަނަލުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

"އަނިޔާވެރި އަމަލުތަކުން ސަލާމަތްވި މީހުންނާއި މަންޒަރު ފެނުނު ހެކިން ކިޔައިދިން ގޮތުގައި ނޮވެންބަރު 2022 ގެ 21 ވަނަ ދުވަހާއި 30 ވަނަ ދުވަހުގެ ދެމެދުގައި، ރުވަންޑާއިން މަދަދުވެރިވާ އެމް-23ގެ ހަނގުރާމަވެރިން މަދުވެގެން 20 ފިރިހެނުން މަރައި، މަދުވެގެން 66 އަންހެނުންނާއި އަންހެންކުދިން ރޭޕުކުރި. މައިގަނޑު ގޮތެއްގައި މި މީހުން މަރައި ރޭޕުކޮށްފައިވަނީ އުތުރު ކިވޫ ޕްރޮވިންސްގެ ވެރިރަށް ގޯމާއާ 100 ކިލޯމީޓަރު އުތުރުން އޮންނަ ކިހިޝޭ ނަމަކަށް ކިޔާ އަވަށުގައި" އެމެނެސްޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އެމް23ގެ މި ޖަރީމާތަކަކީ ވާދަވެރި އެހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ތާއީދުކުރާކަމަށް ތުހުމަތުވާ އާންމުންނަށް އަދަބުދީ ލަދުގަންނަވައިލުމުގެ ނިޔަތުގައި އެ ޖަމާއަތުން ހިންގާ ކެމްޕެއިނެއްގެ ބައެއް ކަމަށެވެ. އެމް23ގެ ވާދަވެރިންގެ ތެރޭގައި ޑިމޮކްރެޓިކް ފޯސެސް ފޯ ދަ ލިބެރޭޝަން އޮފް ރުވަންޑާ (އެފްޑީއެލްއާރް)އާއި ކޮންގޯގެ މައި ހަނގުރާމަވެރިން ހިމެނެއެވެ.

މި ހަމަލާތަކަށް ފަހު ސަލާމަތްވި މީހުން ދިރިއުޅެނީ ދާއިމީ ބިރުވެރިކަމެއްގައި ނިހާއީ ނިކަމެތިކަމުގައި ކަމަށާއި، ރޭޕުގެ ޝިކާރައަށްވީ މީހުންނަށް އަސާސީ ބޭސްފަރުވާ ލިބުނު ނަމަވެސް އެ ސަރަހައްދުގައި ހުރި ޞިއްޙީ މަރުކަޒުތަކަށް އެކަށީގެންވާ ސިއްހީ ވަސީލަތްތައް ބޭނުންވާކަމަށް އެމްނެސްޓީން ބުނެފައިވެއެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ރޭޕުގެ ޝިކާރައަކަށްވި އެލައިން ނަމަކަށް ކިޔާ އަންހެނަކު ކިޔައިދިން ގޮތުގައި އެމީހުން ދިރިއުޅުނު ސަރަހައްދަށް ހަނގުރާމަވެރިން ވަދެގަނެ އެތަނުގައި އެވަގުތު ތިބި ހުރިހާ ފިރިހެނުން އެއްކޮށް އެންމެން ޤަތުލުކުރިއެވެ. "ޖުމްލަ ހަތް ފިރިހެނުން މަރައިލި. އެއަށްފަހު ފަސް ހަނގުރާމަވެރިން އަހަރުމެން ރޭޕުކުރީ. އަހަންނާއި އިތުރު ހަ އަންހެނުން [އެމީހުން] ރޭޕުކުރި،" އެލައިން ބުނިކަމަށް ރިޕޯޓުގައި ހިމަނާފައިވެއެވެ.

ރުވަންޑާއިން މަދަދުވެރިވާ ޖަމާއަތެއްކަމަށް އދ.އިން ބުނާ އެމް23 ހަނގުރާމަވެރިންނަކީ ކުރިން ކޮންގޯ ސަރުކާރާއެކު ވެފައިވާ ސިޔާސީ އެއްބަސްވުންތައް ތަންފީޒުކުރުވުމަށް ހަނގުރާމަކުރާ ޖަމާއަތެކެވެ.

ރުވަންޑާއާއި ޔޫގަންޑާއާ އިންވެގެން އޮންނަ ކޮންގޯގެ ކިވޫ ޕްރޮވިންސްގެ ބޮޑު ބައެއް އޮންނަނީ އެމް23ގެ ބާރު ދަށުގައެވެ. އެ ޖަމާއަތުގެ ބާރުގެ ދަށަށް އެ ސަރަހައްދު ގެންދިއުމާއެކު ބައި މިލިއަނެއްހައި މީހުން އެ ސަރަހައްދު ދޫކޮށް ހިޖުރަކުރިކަމަށް އދ.އިން ބުނެއެވެ.

މި ލިއުމާއި ގުޅޭ