އިންޑިއާގެ އިމިގުރޭޝަނުން ހައްޔަރުކުރުމަށްފަހު އެ ޤައުމުން އަނބުރާ ފޮނުވައިލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއް ޞަމަދު (ސަމަދުބެ)އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ފުރައްސާރަކޮށް ދެއްކި ވާހަކަތަކަށް ކުރީގެ ކެޕްޓަން އަލީ އިހްސާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާވަނީ ސަމަދުބެއަށް ވަރަށް ބޮޑަށް މަލާމާތްކުރައްވައި އާޑަފުރައްސާރަކުރައްވާފައެވެ. މާރިޔާ މިފަދައިން އާޑަ ފުރައްސާރަކުރެއްވީ ސަމަދުބެއަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށް ގޮވައިލާ އިދިކޮޅު ޕީޕީއެމުން ހިންގާ ހަރަކާތުގެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ބޭފުޅަކަށްވާތީއެވެ.
ސަމަދުބެއާމެދު ވާހަކަފައްޓަވަމުން މާރިޔާ ވިދާޅުވީ އަވައްޓެރި ޤައުމެއްގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން ގޮންޖަހައި އަޑުއުފުލާ ފައުޖެއްގެ ކުރީގައި އުޅުއްވި ބޭފުޅެއްގެ ވާހަކަ މީޑިއާއަށް މިދޭތެރެއިން ތިލަވެގެން އުޅުނު ކަމަށެވެ. "ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެޔަކު އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއް،" ސަމަދުބެ ސިފަކުރައްވައި މާރިޔާ ވިދާޅުވިއެވެ.
އިތުރަށް މާރިޔާ ވިދާޅުވެފައިވަނީ ސަމަދުބެ ތުނބުޅި ބާލައްވައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށެވެ. ދެން އެނބުރި ސަމަދުބެ ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށާއި، މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. "ކެމެރާތައް ހުރީ އަޅުވާފައި. [ސަމަދުބެ] ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،" ސަމަދުބެއަށް މަލާމާތްކުރަމުން މާރިޔާ ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުން ތެރޭގައި ގިނަ ދުވަސް ޚިދުމަތްކުރެއްވި ބޭފުޅެއްކަމަށް ސަމަދުބެ ވިދާޅުވެފައި އޭނާ ކީރިތިކުރެއްވުމުން، އޭނާ ބަންދުކޮށްފައިހުރީ އިމިގުރޭޝަނުގެ ފިނި ކޮޓަރިއެއްގައި ކަމަށާއި، އަނބުރާ ވަޑައިގެންނެވީ ކީރިތިކުރައްވަމުން ކަމުގައި މާރިޔާ ވިދާޅުވިއެވެ. "މިވަރު މީހުން ނިކުމެ މިއުޅެނީ،" އާޑަފުރައްސާރަ ސަމަދުބެއަށް އަމާޒުކުރައްވަމުން މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ އެ ވާހަކަތަކާއި ގުޅިގެން ކެޕްޓަން އިހްސާން ވަނީ ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ކެޕްޓަން ވަނީ މާރިޔާއަކީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ހަނދުމަކޮށްދެއްވާފައެވެ.
އަދި އެއީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނޫންކަމަށާއި ދިވެހިރާއްޖޭގައި ސަލާމަތީ ޚިދުމަތުގައި އުޅުއްވި ބޭފުޅަކަށް [ސަމަދުބެއަށް] ހަޖޫ ޖައްސަވާ ބޭރުގެ އަސްކަރިއްޔާތަކަށް ސަނާ ދެންނެވުން ބަލައި ނުގަނެވޭކަމަށްވެސް ކެޕްޓަން އިހުސާން ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މާރިޔާ ސަމަދުބެއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
މިކަމާއި ގުޅިގެން މާރިޔާ ވަނީ ޓްވީޓުވެސް ކުރައްވާފައެވެ. އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ "އަޅުގަނޑުމެން ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ" ބުނެ ބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި އެ ގައުމަށް އެއީމައި އެތަނުން ފޮނުވާލީމައި އެ ރޯން ޖެހޭ ރޮވުން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި އެވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
ކެޕްޓަން އިހްސާން ވަނި މާރިޔާގެ މި ޓްވީޓަށް ވެސް ރައްދު ދެއްވާފައެވެ. މިކަމަށް ރައްދު ދެއްވައި ކެޕްޓަން ވަނީ ޑިފެންސް މިނިސްޓަރަށްވެހުރެ މާރިޔާ ވާހަކަ ގެންގުޅުއްވި ރާގާއި ބަހުރުވައަށް ފާޑު ވިދާޅުވެފައެވެ.
ކެޕްޓަން އިހްސާން ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ އަމަލުކުރައްވަން ޖެހޭ އެއަށްވުރެ ހަރުދަނާ ގޮތްތަކެއް ހުންނާނެކަމަށެވެ.
މީގެއިތުރުން ކެޕްޓަން ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ގައުމަކަށް ދާން ޖެހުމަކީ ދިވެހިރާއްޖޭގައި އެ ގައުމެއްގެ އަސްކަރިއްޔާ ގާއިމުވެ ތިބެން ޖެހޭ ސަބަބެއްވެސް ނޫންކަމަށެވެ.