Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދަންނަވަންތޯ އަޅުގަނޑަކީ އެމްޑީޕީ މީހެއް، އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނަން: ރައީސް އިބްރާހީމް

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމާއެކު، އެމަނިކުފާނަކީ އެމްޑީޕީގެ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަނދާންކޮށްދެއްވައިފިއެވެ.

މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމަށް އެރުވީ އެ ޕާޓީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ޓިކެޓާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ގޮވާލައްވާފައެވެ.

"ވަކި މީހަކު އިސްތިނާވުމެއް ނެތި [ޕާޓީ] ބަދަހި ސަފުތަކަށް ރުޖޫއަވާންޖެހޭ. އަޅުގަނޑު ދަންނަވާނީ ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް، އަދި ޚިޔާލު ތަފާތުވުން ހުއްޓަސް އެމްޑީޕީ އެކީ ރިޔާސީ އިންތިޚާބަށް ކާމިޔާބުކުރަންޖެހޭ،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި 28 ޖަނަވަރީގައި އޮތް އެމްޑީޕީގެ ޕްރައިމަރީން ފެނުނީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީގެ ހަރުދަނާކަމާއި، އެ ޕާޓީގެ އެތެރޭގައި ދެބަސްވުމަށް ޖާގަ އޮތް މިންވަރެވެ. އަދި އެ ޕްރައިމަރީގެ ބޭނުމަކީ މިރޭ އެ ޕާޓީއަށް ވާސިލުވެވުނު ހިސާބަށް ވާސިލުވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ކުރަމުން އަންނަ މަސައްކަތްތައްކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ ޖަޒީރާވަންތަ ދިރިއުޅުމެއް ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށެވެ. އެގޮތުން ވެރިރަށް މާލެއަކީ ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށް އަތޮޅު ތެރޭގައި ދިރިއުޅޭ މީހުންނަށް ހަމަޖެހިލައިގެން އަމިއްލަ ރަށުގައި އާއިލާއާއެކު ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަރުދަމާއާއި ފެނާއި ސިއްހަތާއި ތައުލީމު ކޮންމެ ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ކުރެވެނީ އެމްޑީޕީގެ މެންބަރުންގެ އެހީތެރިކަމާއެކު ކަމަށާއި އަދި ވެރިކަންކުރާ އިއްތިހާދުގެ ބައިވެރިންގެ މަދަދާއެކު ކަން ފާހަގަކުރައްވައި އިއްތިހާދުގެ ބައިވެރިންނާއި އެމްޑީޕީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ރާއްޖެ ކުރިއަށްދަނީ ތަރައްޤީގެ މިސްރާބަކަށް ކަމަށާއި، އެ މިސްރާބަށް ދަތުރުކުރެވޭނީ އަދި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ދެމިއޮވެ، މިހާތަނަށް ފެށިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމައިލެވޭނީ އެމްޑީޕީގެ ވެރިކަމެއް އޮވެގެންކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ޕާޓީގެ މެންބަރުންނަށް ހަނދުމަފުޅުކޮށް އެރުވީ އެމަނިކުފާނަކީ އެމްޑީޕީގެ މެންބަރެއްކަމެވެ. "ދަންނަވަންތޯ އަޅުގަނޑަކީވެސް އެމްޑީޕީ މީހެއް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަޤުރީރު ނިންމަވައިލައްވަމުން ރައީސް އިބްރާހީމް ވިދާޅުވެފައިވަނީ އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އެއް ބުރުން ކަމަށެވެ.

މި ލިއުމާއި ގުޅޭ