އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ބާއްވާ ޖަލްސާ ފަށަން ކަނޑައެޅި ވަގުތަށް ފެށޭ ގޮތެއް ނުވިއެވެ.
ރިޔާސީ ޓިކެޓު ހަވާލުކުރުން މިރޭ އޮންނާނެކަން އެ ޕާޓީން އިއުލާނުކުރިއިރު ޖަލްސާ ފަށާނެ ވަގުތެއްކަމަށް ބުނެފައިވަނީ މިރޭ 8:15 އެވެ. ނަމަވެސް 8:15 ވީއިރު އަލިމަސް ކާނިވަލުގައި ޖަހާފައިހުރި ގޮނޑިތައް ފުރޭ މިންވަރަށް މީހުން ހަމަނުވުމުން ޖަލްސާ ފެށުންވަނީ ލަސްކޮށްފައެވެ.
މިރޭގެ ޖަލްސާއަށް އަތޮޅު ތެރެއިން މޯލްޑިވިއަންގެ ފުލައިޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ގެނެސްފައިވެއެވެ. އެގޮތުން ހަމައެކަނި ހުވަދު އަތޮޅުން 200 އަށްވުރެ ގިނަ މީހުން މާލެއަށް ގެނެސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވާއިރު ޖަލްސާއަށް އަތޮޅު ތެރެއިން އަންނަ މީހުންނަށް އެ ސަރަހައްދުތަކުގައި ހުންނަ ރެސްޓޯރެންޓުތަކުން ކެއުން ހަމަޖައްސާފައިވެއެވެ. އެގޮތުން ކޫޕަނެއް ދެއްކުމުން ހިލޭ ރެސްޓޯރެންޓުތަކުން ކެއުން ލިބޭނެ އިންތިޒާމު ހުރީ ހަމަޖައްސާފައެވެ.
އޭގެ އިތުރަށް މިރޭގެ ޖަލްސާއަށް އަތޮޅު ތެރެއިން ގެނައި މީހުންނަށް މާލޭގައި ތިބުމަށް ޕޮކެޓުމަނީގެ ގޮތުގައި އެކި މިންވަރުން ފައިސާ ދީފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.