އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ޖަލްސާގައި ޖަހާފައި ހުރި ގޮނޑިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގޮނޑި ނަގަން ފަށައިފިއެވެ.
ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހީމަށް ރިޔާސީ ޓިކެޓު އެރުވުމުގެ ރަސްމިއްޔާތު އޮތީ އަލިމަސް ކާނިވަލުގައެވެ. ކާނިވަލުގައި އޮންނަ ޖަލްސާ ފެށޭނެކަމަށް އެމްޑީޕީން ބުނެފައިވަނީ މިރޭ 20:15 ގައެވެ.
ޖަލްސާ ފެށުމުގެ ކުރިން ޖެހި ގޮނޑީގެ ތެރެއިން ގިނަ އަދަދެއްގެ ގޮނޑި ޖަލްސާ ފަށާ ވަގުތު ކުޑަތަންވެފައިވަނިކޮށް ނަގާފައިވެއެވެ. އެ ގޮނޑިތައް ނަގައި ޖަލްސާއަށް އެމްޑީޕީން ތައްޔާރުކުރި ސްޓޭޖުގެ ފަހަތަށް ގެންގޮސްފައިވެއެވެ.
މިރޭގެ ޖަލްސާއަށް އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ގެނެސްފައިވެއެވެ. އެގޮތުން ހަމައެކަނި ހުވަދު އަތޮޅުންވެސް 200 އަށްވުރެ ގިނަ މީހުން މިރޭގެ ޖަލްސާއަށް މާލެ ގެނެސްފައިވެއެވެ. މީހުން ޖަލްސާއަށް ގެނައުމަށް މޯލްޑިވިއަންގެ ފުލައިޓުތައް ޗާޓަރުކޮށް މަސައްކަތްކުރެއެވެ.
ރައީސް އިބްރާހީމަށް މިރޭ ޓިކެޓު ހަވާލުކުރާއިރު އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޕްރައިމަރީއަށްފަހު ރައީސް އިބްރާހީމަށް ތާއީދުކުރައްވާފައިނުވެއެވެ.
އެމަނިކުފާނުވަނީ އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް އުފައްދަވައި، ވަކި ފެކްޝަނެއް ޕާޓީގެ ތެރޭގައި ހިންގަވާނެކަން އިއުލާނުކުރައްވާފައިވެއެވެ.