Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބާސެލޯނާ އާއި ޔުނައިޓެޑް މެޗު ހީވީ ޗެމްޕިއަންސް ލީގު މެޗެއްހެން: ޓެން ހާގް

ބާސެލޯނާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ހީވީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްހެން ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މީގެކުރިން ވާދަވެރި މެޗުތަކެއް ކުޅުނު ގަދަ ދެބާރު ރޭ ކުޅުނީ ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ލީގުގެ ޕްލޭއޮފް ފުރަތަމަ ލެގްގެ މެޗެވެ. ދެޓީމުގެ ފަރާތުން ވެސް އަވަސް އެޓޭކިން ގޭމެއް ފެނުނުއިރު މެޗު ފެނުނީ ޝައުގުވެރިކޮށެވެ. ބާސެލޯނާގެ ނޯ ކޭމްޕްގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

"ވަރަށް ސަޅި މެޗެއް މިއީ. އެޓޭކިން ދެޓީމު ކުޅުނުއިރު ހީވީ ޗެމްޕިއަންސް ލީގު މެޗެއްހެން. އެއަށްވުރެވެސް ވާދަވެރިކޮށް ފެނުނީ. ދެން އޮތީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ނަތީޖާ ރަނގަޅުކުރުން" މެޗަށް ފަހު ކޯޗު ޓެން ހާގް ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނަސް ދެޓީމު ވެސް ގިނަ އެޓޭކްތަކެއްކުރި އެވެ. މި ހާފުގައި ގިނަ ފުރުސަތު ތަނަވަސްކުރީ ޔުނައިޓެޑެވެ. އެކަމަކު އެ ހަމަލާތައް ހުއްޓުވުމުގައި ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަން މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ ފުރަތަމަ ގޯލު 50 ވަނަ މިނެޓުގައި ޖެހީ ބާސެލޯނާގެ ޑިފެންޑަރު މާކޮސް އަލޮންސޯ އެވެ. ޔުނައިޓެޑުން ވަނީ އޭގެ އިރުކޮޅެއް ފަހުން މާކަސް ރަޝްފޯޑުގެ ގޯލުން އެއްވަރުކޮށްފަ އެވެ. 59 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ލިބުނީ ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކުންޑޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ބަލިވާން ދަނިކޮށް 76 ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރަފީނިއާ އެވެ.

ރޭގެ މެޗާ އެކު ރަޝްފޯޑް ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 22 އަށް އަރައިފަ އެވެ. މިއީ ރަޝްފޯޑުގެ ޕްރޮފެޝަނަލް ކެރިއަރުގައި ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.

"އަހަރެން ކްރެޑިޓް ދޭނަށް ރަޝްފޯޑް ހުރި ރަނގަޅު ފޯމަށް. އެކަމަކު މުޅި ޓިމު ވެސް މޮޅަށް ކުޅުނު. ބޭނުންވީ ފުރަތަމަ ގޯލު ޖަހަން. އެކަމަކު އެކަމެއް ނުވި" ޔުނައިޓެޑާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓެން ހާގް ބުންޏެވެ.

މި ދެޓީމު ވާދަކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑް ދަނޑުގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ޔޫރޮޕާ ލީގުގެ ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

ޔޫރޮޕާ ލީގު ޕްލޭއޮފް ފުރަތަމަ ލެގްގައި ޔުވެންޓަސް އާއި އަޔަކަސް އަދި ސްޕޯޓިން ލިސްބަން ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ. ރެޑްބުލް ސާލްސްބާގް ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ރޯމާ ބަލިކޮށްފަ އެވެ. ބަޔާން ލެވަކޫސަން ދަނޑުގައި މޮނާކޯ ކުރި ހޯދީ 3-2 އިންނެވެ. ސެވިއްޔާ އިން އަމިއްލަ ދަނޑުގައި 0-3 އިން ޕީއެސްވީ ބަލިކުރިއިރު ޝަކްތާ ޑޮނެސްކް ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ރެން ބަލިކޮށްފަ އެވެ.

މި ލިއުމާއި ގުޅޭ