މިދިޔަ އަހަރުގެ ވޯލްޑްކަޕާ ދިމާކޮށް ޓީވީއެމް އިން ގެނެސްދިން ޕްރި މެޗު ޝޯތަކަށް ގެންދިޔަ އެނަލިސްޓުންނަށް އެ ކުންފުނިން ފައިސާ ނުދޭ މައްސަލަ ފެންމަތިވެއްޖެ އެވެ.
ނިމިދިޔަ ވޯލްޑްކަޕްގެ މެޗުތައް މެންދުރާއި ރޭގަނޑު އޮތް އިރު، ކޮންމެ ވަގުތެއްގެ މެޗާ ދިމާކޮށްވެސް ޓީވީއެމް އިން ޕްރި މެޗް ޝޯތައް ގެނެސްދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޝޯތަކަށް އެނަލިސްޓުން ގެންދިޔައީ ކޮންމެ މެޗެއްގެ ޝޯއަކަށް 1500ރ. ދޭ ގޮތަށެވެ.
އެކަމަކު އަދިވެސް އެމީހުންނަށް ފައިސާ ނުދޭ ކަމަށާއި އެކަމާ ބެހޭގޮތުން ވާހަކަދައްކަން ގުޅުމުން ފޯނަށް ޖަވާބުވެސް ނުދޭކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް "ދިޔަރެސް" އަށް މައުލޫމާތު ދިން އެނަލިސްޓަކު ބުންޏެވެ.
"އެއްވެސް މީހަކަށް ފައިސާ ނުދޭ އަދި. ހަބަރެއްވެސް ނުވޭ. ލާރި ހޯދަން ގުޅީމަ ފޯނެއްވެސް ނުނަގާ،" މި ނޫހަށް މައުލޫމާތު ދިން އެނަލިސްޓަކު ބުންޏެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ސްޕޯކްސްޕާސަންއާ ސުވާލު ކުރުމުން ވިދާޅުވީ އެނަލިސްޓުންނަށް ފައިސާ ނުދޭކަން އެނގިފައި ނުވާ ކަމަށެވެ.