Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިން މާޗަށް ނިންމަން ބުނި ފެނާ ނަރުދަމާ ގިނަ މަޝްރޫއުތަކުގެ 10 އިންސައްތަވެސް ނުނިމޭ!

ފެނަކަ ކޯޕަރޭޝަނުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާނެކަމަށް ބުނެ 16 ރަށެއްގައި ފެށި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓުގެ މަސައްކަތުގެ 10 އިންސައްތަ މަސައްކަތް ވެސް ނުނިންމޭކަން ހާމަވެއްޖެއެވެ.

ފެނަކައިން ކުރިއަށް ގެންދާ ފެނާ ނަރުދަމާގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭގެ ތެރެއިން އދ. ފެންފުށީ ފެނުގެ ނިޒާމް މަސައްކަތަކީ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމަން ލަފާކުރި މަސައްކަތެކެވެ. އެ މަސައްކަތް މިހާތަނަށް ނިންމިފައި ނުޥާއިރު މަސައްލަތުގެ ސްޕީޑް ލަސްކަން ފާހަގަކޮށްލެވެއެވެ. ފެންފުށީ ފެނުގެ ނިޒާމުގެ މަސައްކަތުގެ މިހާތަނަށް ނިންމިފައިވަނީ 13 އިންސައްތަ މަސައްކެތެވެ.

ފެނަކައިން ދެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކަކީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމަން ބުނާ ޕްރޮޖެކްޓްތަކެވެ. ނަމަވެސް މަސައްކަތުގެ ސްޕީޑަށް ބަލާއިރު އެއިން އެއްވެސް ޕްރޮޖެކްޓެއް އެ މުއްދަތުގެ ތެރޭގައި ނިންމިދާނެކަމަކަށް ނުބެލެވެއެވެ.

އޭގެތެރެއިން 3 ޕްރޮޖެކްޓެއްގެ މަސައްކަތް ފިޔަވައި އެހެން އެއްވެސް ޕްރޮޖެކްޓެއްގެ 10 އިންސައްތަ މަސައްކަތްވެސް މިހާތަނަށް ނުނިންމޭކަން ފާހަގަކޮށްލެވެއެވެ. އަދި އޭގެތެރެއިން 10 ޕްރޮޖެކްޓްގެ މަސައްކަތުގެ 3 އިންސައްތަވެސް ނުނިންމޭއިރު އޭގެތެރެއިން އެންމެ މަސައްކަތެއްވެސް މި ދައުރު ނިމޭއިރުވެސް ނިންމިދާނެކަމަކަށް ނުބެލެވެއެވެ.

މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި އެތައް ޕްރޮޖެކްޓެއް ފަށައި ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ނުގެންދާތީ ނުވަތަ ކުރިއަށްދާ ޕްރޮޖެކްޓުގެ މަސައްކަތް ލަސްކަމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބާއި ދިމާކޮށް މި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރިއަށްދާކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި ބައެއް ޕްރޮޖެކްޓްތަކުގެ ސްޕީޑު އަވަސްކުރަމުންނެވެ.

މި ލިއުމާއި ގުޅޭ