Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

'ލިލީ'ގެ އަތުން ފައިދާގެ ގޮތުގައި ފަސް މިލިއަން ހޯދަން ކުރި ދައުވާ ސާބިތެއް ނުވި

ލިލީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އިންވެސްޓްކޮށްފައިވާ ކަމަށް ބުނެ، ފައިދާގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީހަކު ކުރި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އާސިމް އަބްދުއްރަހީމް ނަމަކަށް ކިޔާ މީހަކު ދައުވާކުރީ ހަ ލައްކަ ޑޮލަރަށްވާ ފައިސާ ލިލީ އެންޓަޕްރައިސަސްގެ ވިޔަފާރިއަށް އިންވެސްޓްކުރަމުންދިޔަ އެއްބަސްވުމާ އެއްގޮތަށް އެ ވިޔަފާރީގެ ފައިދާ ދައްކަމުން ގޮސްފައި ނުވާކަމަށް ބުނެ، މިދިޔަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ލިބެންޖެހޭ 5،400،000ރ. ރުފިޔާގެ ފައިދާ ހޯދުމަށެވެ.
އެ ދައުވާއަށް ޖަވާބުދާރީ ވަމުން ލިލީގެ ފަރާތުން ބުނެފައިވަނީ އާސިމްގެ ފަރާތުން ލިލީއަށް އިންވެސްޓް ކުރުމުގެ މުއާމަލާތެއް ހިނގާފައި ނުވާ ކަމަށާއި އެފަދަ ކަމަކާ ގުޅިގެން އެއްވެސް މަޝްވަރާއެއްވެސް ހިނގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާއަކީ ލިލީގެ ފަރާތުން ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށް ބުނެ ދައުވާއަށް އިންކާރުކުރުކުރި އެވެ.
ދައުވާގައި ބުނެފައިވާ އިންވެސްޓްމަންޓް އެއްބަސްވުމަކީ ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނޫނެވެ. ލިލީގެ ފަރާތުން ދައުވާއަށް އިންކާރުކުރި ނަމަވެސް ހެކީގެ ގޮތުގައި އާސިމްގެ ފަރާތުން ލިލީއަށް ދީފައިވާ ޗެކުތައް ހުށަހަޅާފައިވެ އެވެ.

އެކަމަކު ޝަރީއަތުން ފާހަގަކުރި ގޮތުގައި އެ ޗެކުތަކަކީ ދެފަރާތުގެ ދެމެދުގައި އިންވެސްޓްމަންޓް އެއްބަސްވުމެއް ހަދައި، އޭގެ ދަށުން ފައިސާގެ ގޮތުގައި ލިބެންޖެހޭ ފައިސާކަން ސާބިތުވާނެ ހެއްކެއް ނޫނެވެ. އަދި އާސިމްގެ ފަރާތުން ސޮއިކޮށްފައިވާ ލިޔުންތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވީ ނަމަވެސް، އެ ލިޔުންތަކުގައި ލިލީގެ ފަރާތުން އެއްވެސް މީހަކު ސޮއިކޮށްފައި ނުވާތީ އެއީ އީޖާބާއި ގަބޫލު ފުރިހަމާ ލިޔުންތަކެއް ކަމުގައި ނުބެލެވޭނެ ކަމަށް ޝަރީއަތުން ބުންޏެވެ.

އޭގެ އިތުރުން އާސިމްގެ ފަރާތުން ބޭންކު ސްޓޭޓްމަންޓުތައްވެސް ހުށަހަޅާފައިވާއިރު އެ ސްޓޭޓްމަންޓުތަކުން ލިލީއާ ދެމެދު ފައިސާގެ މުއާމަލާތް ހިނގާފައި ހުރިކަން ސާބިތުވީ ނަމަވެސް އެއީވެސް އިންވެސްޓް އެއްބަސްވުމާ ގުޅިގެން ކޮށްފައިވާ މުއާމަލާތްތައްކަން އެނގެން ނެތް ކަމަށް ޝަރީއަތުން ބުންޏެވެ.

ޗެޓުލޮގު ތަކެއްވެސް ހުށަހަޅާފައިވީ ނަމަވެސް، ޝަރީއަތުން ބުނި ގޮތުގައި އެއިން އެއްވެސް ޗެޓު ލޮގަކުން އިންވެސްޓްމަންޓް އެއްބަސްވުމެއް އޮތްކަން އެނގޭކަށް ނެތެވެ. އަދި ފައިދާގެ ގޮތުގައި ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަންވެސް އެއިގެން އެނގެން ނެތް ކަމަށެވެ.

ލިލީގެ ފަރާތުން ބުނީ ދެފަރާތުގެ ދެމެދުގައި އިންވެސްޓްމަންޓް އެއްބަސްވުމެއް ނެތް ނަމަވެސް، އާސިމްގެ ފަރާތުން ދައްކާފައިވާ ފައިސާއާއި އެ ފައިސާ އެފަރާތުގައި ބެހެއްޓީތީ ކޮމިޝަންގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އޭނާއަށް ދިން ކަމަށެވެ.
ޝަރީއަތުން ނިންމީ އާސިމްގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ކިތާބީ ހެއްކަކަށް ބަލާއިރު، އެއްވެސް ލިޔުމަކުން ދެފަރާތުގެ ދެމެދުގައި އިންވެސްޓްމަންތް އެއްބަސްވުމެއް ވެފައިވާކަން އެނގެން ނެތްކަމަށެވެ. އެހެންކަމުން ދެފަރާތުގެ ދެމެދުގައި އިންވެސްޓްމަންޓް އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމާއި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތުގެ ދަށުން ދައުވާކުރާ ފަރާތަށް ނުލިބިވާ ފައިސާގެ އަދަދު ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި އާސިމަށް އެ މައްސަލައިގައި ދެއްކިފައި ނުވާތީ ސިވިލް ކޯޓުން ހުކުމް ކުރީ އެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ