މިއަހަރުގެ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ އެމްޑީޕީން އިއްތިހާދު އެކުލަވައިލެއްވުމުގެ އިޚުތިޔާރާއި ބާރު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީން ދީފިއެވެ.
ރައީސް އިބްރާހީމަށް ކޯލިޝަން އެކުލަވައިލެއްވުމަށް ބޭނުންވާ ފުރިހަމަ އިޚުތިޔާރު ދިނުމަށް ނިންމައި ފާސްކުރީ މިރޭ އިއްޒުއްދީން ސުކޫލުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ޖަނަވަރީ މަހު އޮތް ރިޔާސީ ޕްރައިމަރީއަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް މި ޤަރާރު ހުށަހެޅުއްވީ ރައީސް އިބްރާހީމުގެ ކެމްޕެއިން މެނޭޖަރު ކިބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ނާޝިޒެވެ.
ނާޝިޒު ޤަރާރު ހުށަހަޅުއްވަމުން ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވާއިދު ބަޔާންކުރާ ގޮތުން ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށްފަހު ރިޔާސީ އިންތިޚާބު ނިމެންދެން އެ ޕާޓީގެ އެންމެ އިސްވެރިޔަކީ ކެނޑިޑޭޓު ކަމަށެވެ.
އަދި އެއް ޕާޓީއަކުން ރާއްޖޭގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަން ފާހަގަކުރައްވައި އެންމެ ފަހުގެ ރިޔާސީ އިންތިޚާބުވެސް އެ ޕާޓީއަށް ކާމިޔާބުވީ ކޯލިޝަނެއްގެ ތެރެއިންކަމަށް ޤަރާރުގައި ނާޝިޒު ވިދާޅުވިއެވެ.
އަދި މި ދައުރަކީ އިއްތިހާދު ސަރުކާރެއް ދެމެހެއްޓުނު ފުރަތަމަ ދައުރުކަން ފާހަގަކުރައްވައި ވެރިކަން އަލުން ލިބުމުގެ ފުރުސަތު ބޮޑީ އިއްތިހާދަކާއެކު އިންތިޚާބަށް ނުކުތުމުންކަމަށް ނާޝިޒު ވިދާޅުވިއެވެ. އަދި ކޯލިޝަން ސަރުކާރެއް އޮތުމަކީ ރާއްޖޭގެ ހަމަޖެހުން އޮތުމަށް މަގުފަހިވާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ވެރިންނަށް ޕާޓީތައް ނޫނަސް ސިޔަސީ ހަރަކާތްތަކުގެ ގޮތުގައި ފާހަގަކުރެވޭ ފަރާތްތަކާއެކު އެމްޑީޕީގެ ނަމުގައި ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސް، އެ އިއްތިހާދެއް ހެދުމަށް ކެނޑިޑޭޓަށް ފެނިޖެނަމަ އެ ޕާޓީއަކާއި ނުވަތަ އެ ސިޔާސީ ހަރަކާތަކާއެކު އެމްޑީޕީގެ ނަމުގައި ކޯލިޝަން އެކުލަވައިލައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ރައީސް އިބްރާހީމަށް އެ ޤަރާރުން ލިބެއެވެ.
މިރޭ އޮތް ޤައުމީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި 85 މެންބަރުންގެ ތެރެއިން 81 މެންބަރުންގެ އަޣުލަބިއްޔަތުން ޤަރާރު ފާސްކުރީ، އެފަަދައިން ކޯލިޝަން އެކުލަވައިލައްވަން ކެނޑިޑޭޓު ނިންމަވާ ނިންމެވުންތައް އެމްޑީޕީގެ ޤައުމީ މަޖިލީހާ ހިއްސާކުރައްވަންޖެހޭ ގޮތަށް ޤަރާރަށް އިސްލާހެއް ގެނައުމަށްފަހުއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ކެމްޕޭނުގައި ރައީސް ދެއްކެވި އެންމެ ބޮޑު ހުއްޖަތަކީވެސް އެމަނިކުފާނަކީ ކޯލިޝަން އެކުލަވައިލައްވައި ކޯލިޝަންތައް ދަމަހައްޓަވަން އެނގިވަޑައިގަންނަވާ ބޭފުޅެއްކަމުގެ ހުއްޖަތެވެ.
ރައީސް ޕްރައިމަރީ ކާމިޔާބުކުރެއްވި ނަމަވެސް މިހާރު ވެރިކަންކުރާ ކޯލިޝަނުގެ އެއްވެސް ޕާޓުނަރެއް މިހާތަނަށް އަންނަ އިންތިޚާބުގައި ރައީސް އިބްރާހީމުގެ ފަހަތްޕުޅުގައި ނިކުންނާނެކަން އިއުލާނުކޮށްފައި ނުވެއެވެ.