އެމެރިކާއިން އދއަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު، ނިކީ ހޭލީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވައިފިއެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ އިތުރުން އޭނާއަކީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ކުރިމަތިލައްވާ ދެވަނަ ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ އަންގާރަ ދުވަހުގައި އާންމުކުރި ވީޑިއޯއެއްގައި ހޭލީ، އޭނާ ރިޔާސީ ޓިކެޓަށް ވާދަކުރައްވާކަމުގެ އިއުލާން ކުރެއްވުމުގެ އިތުރުން، "މިދިޔަ 8 ފަހަރުގެ ތެރެއިން 7 ފަހަރުވެސް ރިޕަބްލިކަން ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި މަގުބޫލީ ވޯޓުވަނީ ގެއްލިފައި އެކަންތައް ބަދަލުކުރަން އެބަޖެހޭ" ކުރިމަތިލައްވާ އެއް މަގްސަދު ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.
ވީޑިއޯގައި އޭނާ އިތުރަށްވަނީ، ޓްރަމްޕްގެ ދައުރުގައި އދއަށް ކަނޑައަޅާފައިވާ އިސް ސަފީރުގެ ޒިންމާތައް އަދާކޮށްފައިވާ މަސައްކަތަށާއި، އަދި 2011 އިން 2017 ގެ ނިޔަލަށް ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން އޮންނަ ދެކުނު ކެރޮލައިނާގައި އޭނާ ގަވަނާގެ މަގާމު އަދާކުރެއްވި ދުވަސްކޮޅަށް އަލިއަޅުވާލައްވާފައެވެ.
ކުރީގެ ރައީސް ޓްރަމްޕްގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް، 2021 ވަނަ އަހަރު ޖަނަވަރީ 6 ގައި ޓްރަމްޕްގެ ސަޕޯޓަރުން ޔޫއެސް ކެޕިޓޮލް ތެރެއަށް އެއްބައިގަނޑެއްގެ ގޮތުގައި ގަދަކަމުން ވަދެގަތުމާއި ގުޅިގެން ޓްރަމްޕް އެކަމަށް އެއްބާރުލުން ދިނުމުން ހޭލީވަނީ އެ ފަދަ ކަމަކަށް އެއްބާރުލުން ދިނުމާއި ދެކޮޅަށް ވަކާލާތުކުރައްވާފައެވެ.
ނަމަވެސް، ޓްރަމްޕްއަކީ އަދިވެސް ރިޕަބްލިކަން ސިޔާސީ މައިދާނުގައި ނުފޫޒް ގަދަ ފަރާތަކަށް ވުމާއި ގުޅިގެން، އެ ބޭފުޅާގެ ކަންކަމާއި ހޭލީ ކުރިމަތިލައްވަނީ ޖެހިލުންވުމާއެކު ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިޔާސީ ޓިކެޓަށް ކުރިމަތިލާނެ ކަން ޓްރަމްޕް އިއުލާނުކުރެއްވިއިރު، ޓްރަމްޕްއާއި ހޭލީ ކުރިމަތިލައްވާ ރިޔާސީ ޕްރައިމަރީއެއްގައި، ހޭލީ ކުރިމަތިލެއްވުމުން ޓަރަމްޕް މޮޅުވުމުގެ ފުރުސަތު އިތުރުވާކަމަށް ޔާހޫ ނިއުސް/ޔޫގަވް ބޭއްވި ޕޯލްއެއްގެ ނަތީޖާގައި ދައްކައިދެއެވެ. އެއީ، ޓްރަމްޕްއާއި ދެކޮޅަށް ހޭލީގެ އިތުރުން ފްލޮރިޑާގެ ގަވަނާ ރޮން ޑިސާންޓިންވެސް ކުރިމަތިލައްވާ ހާލަތެއް ދިމާވެއްޖެއްޔާ، އެންޓި-ޓްރަމްޕް ފަރާތްތަކުން ހޭލީއަށާއި ރޮންއަށް ލާ ޖުމްލަ ވޯޓުގެ އަދަދު ވަކި ވަކިން އަދަދުކުރަންޔާ ޓަރަމްޕްއަށް ލިބޭ ޖުމްލަ ވޯޓު ހޭލީއަށާއި ރޮންއަށް ވަކިން ލިބޭ ވޯޓުގެ އަދަދަށްވުރެން އިތުރުވާނެކަމަށް އަންދާޒާކުރެވޭތީއެވެ.