Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކުންފުނިތައް

ދައުލަތުގެ ކުންފުނިތަކާ ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވައިލުމަށް އެދި މަޖިލީހަށް ޤަރާރެއް

ސަރުކާރުގެ ކުންފުނިތައް އުފެއްދުމާއި އުވައިލުމާއި ރެގިއުލޭޓުކޮށް މޮނީޓާކުރުމާ ގުޅޭ ޤާނޫނެއް އެކުލަވައިލަން ގޮވައިލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތައް އުފެއްދުމާއި އުވައިލުމާއި ރެގިއުލޭޓުކޮށް މޮނީޓާކުރުމުގެ ޤާނޫނެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް އިލްޔާސް ޤަރާރުގައި ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދަނީ، އެ ކުންފުނިތަކުގެ މެންޑޭޓާ އެއްގޮތަށް ވިޔަފާރިކުރުމާއި ނަފާ ހޯދުމާއި އެ ދާއިރާގައި ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަޑް ދީ ދައުލަތަށް އިޤުތިޞާދީ ފައިދާ ހޯދައިދިނުން ކަމަށެވެ.

ނަމަވެސް ކުންފުނިތައް ހިންގުމުގެ ނިޒާމު ދޯދިޔާވުމުގެ ސަބަބުން މި މަޤުޞަދު ހާސިލުނުވާކަމަށާއި، އެކަމުގެ ސަބަބުން އިޤުތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނެވި ތަރައްޤީއަށް ނޭދެވޭ އަސަރުކުރާ ކަމުގައިވެސް އިލްޔާސް ވިދާޅުވިއެވެ. އަދި ކުންފުނިތަކުގައި އުފެދި އާލާވާ ފަސާދައިގެ ސަބަބުން ދައުލަތުގެ ހިންގުމުގައި ނަޒާހާތްތެރިކަން ކުރިއަރުވަން ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވޭކަމަށްވެސް އޭނާ ބަޔާންކުރައްވާފައިވެއެވެ.

އެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ ވޯލްޑް ބޭންކުގެ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް ރިޕޯޓުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވާ މައްސަލަތައް ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށެވެ. ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކުންފުނިތަކުގެ އަދަދު އިތުރުވާއިރު ދައުލަތަށް ކުންފުނިތަކުން ލިބޭ އާމްދަނީ ދަށްވުން ހިމެނޭ ކަމަށެވެ.

ކުންފުނިތަކުގެ ޤާބިލުކަމަށް ބެލުމެއް ނެތި ބޮޑެތި މަޝްރޫޢުތަކާއި މަސައްކަތްތައް ހިންގައި ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ކުންފުނިތަކުގައި ވިޔަފާރި ކުރިއެރުވުމުގެ ޕްލޭނެއް ނެތި ވަކި މިސްރާބެއް ނެތުމުން ސަރުކާރުން ދޭ ފައިސާ އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް ކުންފުނިތަކުން އަމަލުކުރުން ލާޒިމުކޮށްފައިނުވުމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ކަންކަން ބެލެހެއްޓުމާ ގުޅޭ ހަރުދަނާ އޮނިގަނޑެއް ނެތްކަމަށް ވިދާޅުވެ އިލްޔާސް ފާހަގަކުރެއްވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުގެ ޕްރޮކިއުމެންޓު، މާލީ ސިޔާސަތު އަދި ބަޖެޓާ ގުޅޭ ސިޔާސަތާއި އެނޫންވެސް މާލީ ކަންކަން ހަރުދަނާ ގޮތެއްގައި ނުބެލެހެއްޓޭ ކަމެވެ.

އަދި އޭސީސީއަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅެނީ ދައުލަތުގެ ކުންފުނިތަކާ ގުޅޭ މައްސަލަތައްކަމަށްވާއިރު، ބީލަން ނުކޮށް ދައުލަތުގެ ކުންފުނިތަކަށް މަޝްރޫޢުތައް ހަވާލުކުރެވޭކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ކުންފުނިތަކުގައި ހަރުދަނާ އސުސޫލެއް ނެތުމުގެ ސަބަބުން އެކި މައްސަލަތައް ދިމާވާ ކަމަށެވެ.

ކުންފުނިތަކުގެ އަސާސީ ޤަވާއިދުގައި ބަޔާންކުރާ ކަންކަމުގެ ބޭރުން ކުންފުނިތަކާ މަސައްކަތް ހަވާލުކޮށް ހިއްސާދާރުން ކަނޑައަޅަންޖެހޭ ކަމަކަށް ކުންފުނީގެ މަޤުޞަދާއި މެންޑޭޓުވާއިރު އެ މެންޑޭޓުގައި ނުހިމެނޭ ކަންކަން ކުރަން ކުންފުނިތަކުގެ ބޯޑުތަކުން ނިންމާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރު މައްސަލައެއްކަމަށް އޭނާ ފާހަގަކުރެއްވީ އިދާރީ އޮނިގަނޑުތައް ބައެއް ކުންފުނިތަކުގައި އެކުލަވައިލާފައި ހުއްޓަސް ޔުނިޓުތަކާއި ޑިޕާޓުމެންޓުތަކުގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދުތައް ކަނޑައަޅާފައި ނެތުމާއި، ހިފަހެއްޓުމެއް ނެތި ކުންފުނިތަކުން ވަޒީފާ ދިނުމެވެ. އަދި އިލްޔާސް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނީގައި ސީއެސްއާރަށް ޚަރަދުކުރާނެ އުސޫލެއްވެސް ނެތުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ.

މިހުރިހާ މައްސަލައެއް ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ މި މައްސަލަތަކުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކާ ގުޅޭ ޤާނޫނެއް އޮތުމަކީ މުހިއްމުކަމަށްވާތީ އެކަމަށް ބޭނުންވާ ކަންތައްތަ ތަރުތީބުކޮށް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ގޮވައިލައްވާ ކަމަށެވ.

އިލްޔާސް ހުށަހެޅުއްވި ޤަރާރުގެ ފުރަތަމަ ކިޔުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އިއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ