ފާއިތުވި މަސް ތެރޭގައި ވ.އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑަކީ މަރާލާފައިވާކަމަށް ބެލެވޭ މުހައްމަދު ލިޓަންގެ ހަށިގަނޑުކަން ޑީއެންއޭ ޓެސްޓުތަކުން އަދި ކަށަވަރު ނުވާ ކަމަށާއި ނަމަވެސް ތުހުމަތު ކުރެވޭ މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރެވޭނެ ގާނޫނީ ސަބަބުތައް ހުރުމުން ދައުވާކުރަން ނިންމައިފިއެވެ.
ލިޓަންގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، އެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފައެވެ. ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާދިނުމެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ވަރަށް އަވަހަށް އެ މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ކަނޑުމަތިން ފެނުނީ ލިޓަންގެ ހަށިގަނޑުކަން ކަށަވަރު ނުވިޔަސް ނިޒާމްގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާއިރު އެންމެ ފަހުން ދިރިހުއްޓާ ފެނުނު މީހަކު ޒިންމާވާންޖެހޭ އުސޫލުތަކެއް މީގެ ކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.