އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށް، ނުފޫޒު ފޯރުވާތީ ހުށަހަޅާފައިވާ މައްސަލަ ބެލޭވަރަށް ސާފު މައުލޫމާތު ނެތް ކަމަށް ބުނެ އެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމައިފި އެވެ.
ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށް އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭގޮތުން ބަހުސްކުރަމުން އެމްޑީޕީގެ ގިނަ މެންބަރުން ފާހަގަކުރި ގޮތުގައި އެ މައްސަލައިގައި ތަފްސީލު މައުލޫމާތު ހިމަނާފައެއް ނެތެވެ.
ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.
"އެއީ ބޮޑު ތުހުމަތެއް ކުރާއިރު ކޮން ތަނަކުން ކާކަށް ނާޖާއިޒު ބާރެއް ކޮން ގޮތަކަށް ބޭނުންކޮށްގެން އެކަން ތަފްސީލު ގޮތަކަށް އޮންނަން ޖެހޭނެ. ކޮމިޓީން ބަލަންޏާ ގުޅޭ މައުލޫމާތުތައް ގެންނަންޖެހޭ، އެއީ ކޮން ބައެއްގެ މައްޗަށް ކުރާ ތުހުމަތެއްތޯ،" ނާޝިޒް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ހަމަ އޮތްގޮތަށް ބާއްވަން ޖެހޭ އެއްޗެއް،"
ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް ވެސް ވިދާޅުވީ މައްސަލަ ހުށަހެޅި އިރޫ "ސަރުކާރުގެ ބައެއް ކުންފުނިތަކޭ" ޖަހާފަ އޮތުމުން މައުލޫމާތު ފުރިހަމަ ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ނަމަ ތަފްސީލީ މައުލޫމާތު ހުށަހަޅަން އާދަމް ޝަރީފަށް އަންގާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ނިންމާނަން އެފަރާތަށް ޖަވާބު ދިނުމަށް އިތުރަށް ކުރިއަށް ގެންދަވަން ބޭނުންވާނަމަ ސްޕެސިފިކް މައުލޫމާތުތަކާ އެކީ މައްސަލަ ހުށަހަޅަން،" އިލްޔާސް ވިދާޅުވި އެވެ.