Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

ފުނައްޑޫ މަސްކާރުޚާނާ އޮޕަރޭޝަނަށް ގެންނަން ބޭނުންވާ އެއްވެސް ފައިސާއެއް ހަމަނުޖެހޭ

ތ.ފުނައްޑޫގައި ޤާއިމުކޮށްފައިހުރި މަސްކާރުޚާނާ އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ހަމަޖެހިފައިނުވާކަމަށް އެ މަސްކާރުޚާނާ ގަނެފައިވާ ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.

ފުނައްޑޫގައި މަސްކާރުޚާނާ ހިންގި ކުންފުނިން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހިފައިހުރި ދަރަނި އަދާނުކުރެވިގެން ރަހުނުގެ ގޮތުގައި އެ ރަށް ބޭންކަށް ނަގައި ބޭންކުން ނީލަން ކިޔުމުން އެރަށް ގަނެފައިވަނީ މިފްކޯއިންނެވެ. އެ ރަށުގެ މިލްކުވެރިކަން މިފްކޯއަށް ބަދަލުކުރީ 2021 ވަނަ އަހަރުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

އެ ރަށް އޮޕަރޭޝަނަށް ނުގެނެވި ދިގުލައިގެން ދިއުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް މަޖިލީހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ސްޓޭޓް އޯންޑް އެޓަޕްރައިޒަސް ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު އެ ކޮމިޓީއަށް ފާހަގަވި ކަންކަން މިއަދު ކޮމިޓީގެ މުޤައްރިރު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެދެއްވިއެވެ.

އެގޮތުން އެ ކޮމިޓީއަށް މިފްކޯއިން ދިން މައުލޫމާތުގައި ބުނެފައިވަނީ އެ ރަށް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ މާލީ ތަނަވަސްކަން އެ ކުންފުނީގައި ނެތުމުން އެ ރަށް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް 236 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން އެ ރަށުގައި ހުރި މެޝިނަރީތައް މަރާމާތުކޮށް ބޭނުންކުރެވޭނެ ފެންވަރަށް ގެނައުމަށް 90 މިލިއަން ރުފިޔާ އަދި އެ ރަށުގެ ބަނދަރުގެ މަސައްކަތްކުރުމަށް 145.9 މިލިއަން ރުފިޔާއެވެ. މިފްކޯއަކީ ލިބޭ އާމްދަނީން ޚަރަދުތައް ދެކޮޅުނުޖެހޭތީ ކޭޝް ފްލޯ މެނޭޖުކުރުމުގައި މިހާރުވެސް ސަރުކާރަށް ބަރޯސާވާ މިފްކޯގައި އެރަށް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ މާލީ ޤާބިލުކަން ނެތްކަމަށް އެ ކުންފުނިން ބުނެއެވެ.

އެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދި، ބަނދަރުގެ މަސައްކަތް ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިދިނުމަށް އެ ކުންފުނިން ފިޝަރީޒް މިނިސްޓްރީގައި އެދުނުކަމަށާއި، އެކަމާމެދު މަޝްވަރާކުރުމަށްފަހު ނިންމާ ގޮތެއް އަންގާނެކަމަށް މިނިސްޓްރީން ބުނެފައިވާކަމަށްވެސް މިފްކޯއިން ބުންޏެވެ.

ފުނައްޑޫ މަޝްރޫޢާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކާއެކު މަޝްވަރާކުރެވުނު ނަމަވެސް މިހާތަނަށް އެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިފައިނުވާކަމަށާއި، އަދި ފައިސާ ހަމަޖެހޭނެ ގޮތުގެ ޓައިމްލައިނަކާމެދުވެސް މިހާތަނަށް އެއްބަސްވެވިފައިނުވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފުނައްޑޫ މިފްކޯއިން ގަނެފައިވީ ނަމަވެސް އެ ރަށް އަދި ރަސްމީކޮށް މަސްވެރިކަމުގެ ބޭނުމަށް މިފްކޯއަށް ކުއްޔަށް ދޫކޮށްފައިނުވާކަމަށާއި، ކުއްޔަށް ނުދިންނަމަވެސް އެ ރަށުގެ ބެނެފިޝަލް މިލްކުވެރިޔަކީ މިފްކޯކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ