Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ވަރުގަދަ ތޫފާނެއް އައުމުން ނިއު ޒިލޭންޑްގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ނިއުޒިލޭންޑުގެ އުތުރުން ދަތުރު ކުރަމުން ދާ ގޭބްރިއެލް ނަން ދީފައިވާ ތޫފާންގެ ސަބަބުން، އެޤައުމުގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. މީގެ ކުރިން އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ ހަމައެކަނި 2 ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބޭރުގެ މީޑިއާތަކުން ހިއްސާކޮށްފައިވާ އެ ގައުމަށް ވެފައިވާ ގެއްލުންތައް ދައްކައިދޭ މަންޒަރުތަކުން ފެންބޮޑުވުމާއި ގުޅިގެން ރައްޔިތުން ގޭގޭތަކުގެ ފުރާޅު މަތީގައި ތިބޭ ތަނާއި، ގަދަ ބާރުމިނުގައި އަންނަ ފެނާއި ހެދި ގެތަށް ހަލާކުވެގެން ދާ ތަނާއި، އަދި މަގުތައް ފެނުގެ އަޑީގައި ޣަރަގުވެފައިވާ ތަން ފެނިގެންދެއެވެ. ހަމައެއާއިއެކު، ބައެއް ސަރަހައްދުތަކުގައި ފޯނު ހިދުމަތްތައްވަނީ މެދުކެނޑިފައެވެ.

އެ ޤައުމުގެ އިރު ދެކުނު އިރުމަތީގެ ހިސާބުތަކަށް ދަތުރުކުރާނެކަމަށް އަންދާޒާކޮށްފައިވާ ތޫފާން މިހާރު އޮތީ ނިއުޒިލޭންޑްގެ ނޯތު އައިލެންޑްގެ ކައިރިން އޮންނަ އޯކްލޭންޑްއިން 100 ކިލޯމީޓަރު އިރުމަތީގައިކަމަށް އެ ގައުމުގެ ކަމާބެހޭފަރާތްތަކުން ބުނެއެވެ.

ނިއު ޒިލޭންޑްގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓަރ ކިއެރަން މެކްއެނަލްޓީއެވެ. އެ ކުރި އިއުލާނަކީ ގައުމުގެ ހަޔާތުގައި ކުއްލި ހާލަތު އިއުލާންކުރި ހ3 ވަނަ ފަހަރަށް ވާއިރު، އެ އިއުލާން ކުރުމުގެ ސަބަބަކީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ 6 ސަރަހައްދަށް އިމަޖެންސީގައި ހަރަކާތްތެރިވާ މީހުންނާއި، ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ގިނަ ވަސީލަތްތަކެއް ފޮނުވުމަށް މަގުފަހިކޮށްދިނުމެވެ.

"މިހާތަނަށް ކުރިމަތިވެފައިނުވާ ވަރުގެ ނުރައްކާތެރި ތޫފާނެއް ކުރިމަތިވެފައި މިވަނީ، މީގެ ސަބަބުން ބޮޑު ގެއްލުން ތަކެއްވަނީ ނޯތު އައިލެންޑްއަށް ލިބިފައި. މުޅި ގައުމުގައި ފެން ބޮޑުވުމާއި، ބިންގަނޑު ފެނާއި އެކީގައި ކަހާލައިގެން ދިއުމާއި، މަގުތަކާއި އިންފްރާސްޓްރަކްޗާއަށް ބޮޑު ގެއްލުން ތަކެއްވަނީ ލިބިފައި"، މެކްއެނަލްޓީ ވިދާޅުވިއެވެ.

އަދި މިހާތަނަށް ނޯތު އައިލެންޑްގެ ސަރަހައްދުތައް ކައިރިން ދަތުރު ކުރަމުން ދާ ތޫފާން ސައުތު އައިލެންޑްތަކާއި ހިސާބަށް ދާނެކަމުގެ އަންދާޒާކޮށްފައިވާއިރު، ގަދަ ވަޔާއި ވިއްސާރަ އިތުރަށް ގޯސްވާނެކަމަށް އެގައުމުގެ ކަމާބެހޭފަރާތްތަކުން ބުނެފައިވެއެވެ.

ބޮޑު ވަޒީރު ހިޕްކިންސްވަނީ، ގެދޮރު ހަލާކުވެ ބޯހިޔާވަހިކަން ނެތިފައި، އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު ބުނަން އަދި ދަތިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެފައިވާކަމުގެ ރިޕޯޓެއް އަދި ނުލިބޭކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

މި ތޫފާން އައިސްފާވަނީ މީގެ 2 ހަފްތާ ކުރިން 1.6 މިލިއަން އާބާދީއެއް އޮންނަ އެ ގައުމުގެ އެންމެ ބޮޑު ސިޓީކަމަށްވާ އޮކްލޭންޑްގައި ފެންބޮޑުވުމާއި ގުޅިގެން ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށް، އެ ސިޓީ ސާފު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮނެވެ.

ނިއުޒިލޭންޑުގެ ހަޔާތުގައި އެންމެ 3 ފަހަރު ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މީގެ ކުރިން ކުއްލިނުރައްކަލުގެ އިއުލާން ނެރިފައިވާ 2 ހާލަތަކީ 2020 ގެ ކޮވިޑް-19 ޕެންޑެމިކް ދުވަސްކޮޅުގަޔާއި އަދި 2011 ގައި އެ ގައުމަށް އައި ކްރައިސްޓްޗާޗް ބިންހެލުމާއި ގުޅިގެން އިއުލާންކުރި ކުއްލި ހާލަތެވެ.

މި ލިއުމާއި ގުޅޭ