Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

މަސްތުވާތަކެތި ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން ގޮވާލައިފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތް މަޖިލީހުގެ ތެރެއިން ހޯދުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް ފިޔަވަޅު ނާޅައި ފޮނުވާލެވޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދު އިސްލާހު ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މޮސްޓާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮޑެތި އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ކަމަށެވެ.

މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ސިންގަޕޫރާއި ސައުދީ އަރަބިއްޔާ އެވެ. އެހެންކަމުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ރާއްޖޭގައިވެސް ގާނޫނު ހަދަންޖެހޭ ކަމަށާއި، އެނޫން ގޮތަކުން އެކަން ނުހުއްޓުވޭނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.

"މިތަނަކީ [ރާއްޖެއަކީ] އިސްލާމީ ގައުމެއްގެ ނަމުގައި އިސްލާމީ ގައުމަކަށް ނުފެތޭ ގޮތަށް ގާނޫނު ހަދާފައި އޮތް ތަނެއް، މިތަނުގައި މަރުގެ އަދަބު ތަންފީޒު ކުރަން ކެރޭނެތޯ މި ގަރާރު ހުށައެޅި ފަރާތައްވެސް.. އެކަމަށް ގޮވާލަންވީ ނޫންތޯ، އެގޮތަށް ގެންނަ މަސްތުވާ އެއްޗިހި ގެންނަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރަން. އެހެން ނޫންކަމަށް ވެއްޖިއްޔާ މިކަންކަމެއް ނުހުއްޓުވޭނެ ރާއްޖެއަކު،" މޮސްޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ބޭނުންކުރާ ޒުވާނުން ހައްޔަރު ކުރާއިރު، ބޮޑެތި އަދަދުން ރާ އެތެރެކޮށް ވިއްކާ މީހުންނަށް ވަނީ ބޮޑެތި މަގާމުތަކާއި ލަގަބު ދީފަ އެވެ. "މި ރާއްޖެއަށް ރާ އެތެރެކޮށްގެން ރާ ވިއްކާ މީހުންނަށް މަތީ މަގާމުތަކާއި މަތީ ލަގަބުތަކާ ދީގެން، މި ގައުމުގައި އެމީހުން އިއްޒަތްތެރި ކުރާތަން މި ފެންނަނީ،" މޮސްޓާ ވިދާޅުވި އެވެ.
މީހުން މެރުމާއި މާރާމާރީ ފަދަ ބޮޑެތި ކުށްތައް މީހުން ކުރަނީ ގިނަ ފަހަރަށް ރާ ބޮއެގެން މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި، އެހެންކަމުން ރަލުގެ ސަބަބުން ވާ ގެއްލުންތައް ވަގުތުން ހުއްޓުވޭނެ ގޮތަކަށް ގާނޫނު ފަރުމާ ކުރަންޖެހޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ.
"..މިކަންތައްތައް [ކުށްތައް] ހުއްޓުވަން ފުރަތަމަ ރާ މިތަނަށް އެތެރެވާނެ ގޮތް ހުއްޓުވާފަ، ރަލުން މިވާ ގެއްލުންތައް ބަޔާންކޮށްދޭވެނެ ގޮތަކަށް ގާނޫނުތައް ފަރުމާކޮށްގެން ރަލުން ރައްޔިތުންނަށް މިވާ ގެއްލުންތައް މިހާރު މިހާރަށް ހުއްޓުވޭނެ ގޮތަކަށް ކަންތައް ކުރަންޖެހޭ،" މޮސްޓާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ