Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ފައިސާ ބަލަހައްޓައި، އެކައުންޓުތައް ހުޅުވާނެ ގޮތުގެ އުސޫލެއް ހަދައިފި

ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި އެކައުންޓުތައް ހުޅުވުމުގާއި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓްކޮށް އަމަލުކުރަން ފެށި އެ އުސޫލުގެ މަގްސަދަކީ މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ ކޭޝް ފްލޯއާއި ދައުލަތުގެ އޮފީސްތަކުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓްތަކުގައި ހުންނަ ދައުލަތުގެ ފައިސާ ހަރުދަނާކަމާއެކު އިތުބާރުހުރި ގޮތެއްގައި ބެލެހެއްޓުމާއި، ދައުލަތުގެ ބޭންކް އެކައުންޓްތަކުގެ ކޭޝް ބެލެންސް ހަރުދަނާގޮތެއްގައި ބެލެހެއްޓުމެވެ.
އެ އުސޫލުގެ ދަށުން ދައުލަތުގެ އޮފީސްތަކާއި، ސަރުކާރުގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެޖެންސީތަކާއި، ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ، ޓްރެޜަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓްތަކުގަ އެވެ.
އުސޫލުގައި ވާގޮތުން އެ އެކައުންޓްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އަދި ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވިދާނެ އެވެ. އެ އެކައުންޓްތައް އޮޕަރޭޓްކުރާނީ، ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.
އެގޮތުން ކައުންސިލްތަކުން ހުޅުވާ ބޭންކް އެކައުންޓްތައް ވެސް އެ އުސޫލުގެ ދަށުން ބެލެވޭނީ، ޕަބްލިކް ބޭންކް އެކައުންޓްތަކުގެ ބައެއްގެ ގޮތުގަ އެވެ.

އާންމު އުސޫލުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓްތަކުގައި ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި މަޝްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް މިނިސްޓަރު ކަނޑައަޅައިފިނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޜަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވިދާނެ ކަމަށް އުސޫލުގައި ބުނެ އެވެ.

އަދި ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވެސް ވަކި ބޭންކް އެކައުންޓެއްގައި ބެހެއްޓުމަށް އެ ފައިސާ ދޫކުރާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާނަމަ، ނުވަތަ އެނޫން ގޮތަކުން ވެސް އެ ފައިސާ ދޭ ފަރާތުން އެދިފައިވާނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޜަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވިދާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ