Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން އަނބުރާ ފޮނުވައިލުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށް ނުދެކެން: އަސްލަމް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވައިލާ ގޮތަށް ހަދާފައިވާ ޤަވާއިދަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ޚިލާފު ޤަވާއިދެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން ވައިގެ މަގުން އަންނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވައިލެވޭ ގޮތަށް ހަދާފައިވާ ޤަވާއިދުގައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ހުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުރީލައިން ވިޕެއް ނެރެފައި އޮތުމާ ގުޅިގެން ބައެއް މެންބަރުންގެ ފާޑުކިޔުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް އަމާޒުވިއެވެ.

ޙަސަން ލަތީފު ވިދާޅުވެފައިވަނީ މިފަދަ ހައްސާސް މައްސަލައެއް މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށްވެސް ފުރުސަތުނުދިނުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ނިންމެވުމަކީ، އެކަމުގެ ސަބަބުން ސަރުކާރަށް ގެއްލުންވާނެ ކަމެއް ކަމަށެވެ. އިތުރު ބައެއް މެންބަރުންވަނީ އެކަމަކީ މަސްތުވާތަކެތި ޓްރެފިކުކޮށް އެތަކެތީގެ ވިޔަފާރިއަށް ހިތްވަރު ލިބޭނެ ކަމެއްކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ އެ ގުރޫޕު ހިންގަނީ ކަނޑައެޅިފައިވާ އުސޫލުތަކަކާއި ޤަވާއިދުތަކެއްގެ މައްޗަށް ކަމަށެވެ. އޭނާ ބޭނުންފުޅުވާހާ ގޮތަކަށް ޕާލިމަންޓަރީ ގުރޫޕުގެ ކަންކަން ނުހިންގެވޭނެ ކަމަށާއި، މިއަދުވެސް ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމެއް އެބައޮތް ކަމަށާއި ނަމަވެސް ބައެއް މެންބަރުން އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ އެ ބޭފުޅުން ކަންކަމާމެދު ދެކެވަޑައިގަންނަވާ ގޮތް ޕާލިމަންޓަރީ ގުރޫޕަށް ނޭނގޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ޙަސަން ލަތީފު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ޕާލިމަންޓަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ޕާލިމަންޓަރީ ގުރޫޕުގެ ރުހުމެއް ނެތި ހުށަހަޅުއްވާ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ މައްސަލާގައި ދެ ތުހުމަތު ހިމެނޭކަމަށާއި، އެއީ ޑުރަގު ޓްރެފިކުކުރުމަށް ސަރުކާރުން ހިތްވަރުދިނުން ކަމަށާއި، ޤަވާއިދެއް ޤާނޫނާ ޚިލާފަށް ހަދާފައިވުން ކަމަށެވެ.

އަސްލަމް ވިދާޅުވީ ޤާނޫނާ ޚިލާފަށް ޤަވާއިދެއް ހަދާފައިވާކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، މަސްތުވާތަކެތި ހިފައިގެން އަންނަ މީހުންނަކީ މަސްތުވާތަކެތި އުފުލަން ބޭނުންކުރާ މީހުން ކަމަށެވެ. އެއީ ޓްރާންސިޓުކުރާ މީހުންކަމަށާއި، އެމީހުންނަކީ އާންމުކޮށް ނާޒުކު ހާލަތުގައި ތިބޭ މީހުންކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ