ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ހައްޔަރުނުކޮށް އެމީހުން އަތުން މަސްތުވާތަކެތި އަތުލުމަށްފަހު ރާއްޖެއިން ބޭރަށް ފުރުވައިލާ ގޮތަށް ހަދާފައިވާ ޤަވާއިދުން ދެވޭ މެސެޖަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެދެއްވައިފިއެވެ.
މި ޤަވާއިދަކީ ނުރައްކާތެރި ޤަވާއިދެއްކަމަށް ދެކެވަޑައިގެން ޤަވާއިދުގައި ހުރި މަސްތުވާތަކެތީގެ ޤާނޫނާ ފުށުއަރާ މާއްދާތައް އުނިކޮށް ބާތިލުކުރުމަށް ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ސައީދު ވިދާޅުވީ މިފަދަ ހައްސާސް ޤަވާއިދެއް ހަމައެކަނި އިމިގުރޭޝަނަށް ފެންނަ ގޮތަށް ފާސްނުކުރާނެ ކަމަށެވެ.
އެފަދަ ޤަވާއިދެއް ސަރުކާރުގެ ގެެޒެޓުގައި ޝާއިއުކުރުމުގެ ކުރިން ރައީސް އޮފީހުގައި އޮންނަ ކެބިނެޓު ކޮމިޓީކަމަށްވާ ސޯޝަލް ކައުންސިލަށް އެ މައްސަލައެއް ހުށަހަޅާނެ ކަމަށާއި، އެ ކައުންސިލުން ގޮތެއް ނުނިންމައި މިފަދަ ބޮޑުކަމަކާ ގުޅޭ ޤަވާއިދެއް ގެޒެޓުނުކުރާނެކަން ފާހަގަކުރައްވައި ސައީދު ކުރެއްވި ސުވާލަކީ މިފަދަ ނުރައްކާތެރި ޤަވާއިދެއް ގެޒެޓުކުރުމަށް ސޯޝަލް ކައުންސިލުން ހުއްދަދިން ސަބަބަކީ ކޮބައިތޯއެވެ.
އެ ޤަވާއިދު ނުރައްކާތެރި ޤަވާއިދަކަށްވަނީ އެ ޤަވާއިދުން ދޭ މެސެޖުގެ ސަބަބުންކަން ބަޔާންކޮށްދެއްވަމުން ސައީދު ވިދާޅުވީ އެ ޤަވާއިދުން ބުނަނީ މަސްތުވާތަކެތި ރާއްޖެ ގެނައުމުން އަތުލައިގަނެވުނަސް ދޫކޮށްލައި އަނބުރައި ޤައުމަށް ފޮނުވައިލާނެ ކަމަށެވެ. އަދި އަތުލައިނުގަނެވުނު ނަމަ ރާއްޖެއަށް އެތެރެވެ މިނިވަންކަމާއެކު އެތަކެތީގެ ވިޔަފާރިކުރަންވީ ކަމަށެވެ.
"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާށޭ މިބުނަނީ. ފަޅާއަރައިފިއްޔާ ފޮނުވައިލާނަމޭ. ފާޅާނާރައިފިއްޔާ ރަށަށް ވަދެ ވިޔަފާރިތަކާ އުޅޭށޭ. މިއެއް ނޫންތޯ މިބުނާ ވާހަކައަކީ؟،" ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މިކަމަކީ ކެބިނެޓުގެ ވަޒީރުން ޚާއްޞާކޮށް ސޯޝަލް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ޒިންމާ އުފުއްލަވަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ ވެރިންތަކެއް ނުނިޔަތުގައި ހިންގަވާ ބޮޑު ޖަރީމާއެއްކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
އަދި މިޖަރީމާއަކީ ސީދާ ރައީސް އޮފީހުގެ ތެރެއިން ހިންގައިގެން އުޅޭ ޖަރީމާއެއްކަމަށް ވިދާޅުވެ ސައީދު މި ޤަވާއިދު ގުޅުވައިލެއްވީ ކުޑަގިރި ހުޅުވައިދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ސިގިރެޓުގެ ބަދަލުގައި މަސްތުވާތަކެތި ވިދާޅުވެވުމަށެވެ.