Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ނިމުނު އަހަރު ޗާޕުކުރި 3.9 ބިލިއަން ރުފިޔާއިން އަދި އަނބުރާ ދެއްކީ 11 އިންސައްތަ

ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުމަށްފަހު، ސަރުކާރުގެ ޕަބްލިކް އެކައުންޓް އޯވާޑްރާފްޓުކޮށް، ފާއިތުވި އަހަރު ޗާޕުކޮށްގެން އިޤުތިޞާދަށް ނެރުނު ފައިސާގެ ތެރެއިން 462 މިލިއަން ރުފިޔާ އަނބުރާ އެމްއެމްއޭއަށް ސަރުކާރުން ދައްކައިފިއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ މާލީ ޙާލަތު ބަޔާންކޮށް އެމްއެމްއޭއިން އާންމުކޮށްފައިވާ "ސްޓޭޓްމެންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން"ގައި ބުނެފައިވާ ގޮތުން ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޗާޕުކުރި ފައިސާގެ އަދަދު އޮތީ 3.9 ބިލިއަން ރުފިޔާގައެވެ.

ޖަނަވަރީ މަހުގެ ނިޔަލަށް ޗާޕުކުރި ފައިސާގެ އަދަދުވަނީ 3.48 ބިލިއަން ރުފިޔާއަށް މަދުވެފައެވެ. ޗާޕުކުރި ފައިސާގެ އަދަދު މަދުވީ އެ މުއްދަތުގައި އެ ފައިސާގެ ތެރެއިން 462 މިލިއަން ރުފިޔާ ސަރުކާރުން އެމްއެމްއޭއަށް އަނބުރާ ދިނުމުންނެވެ. އެއީ ނިމުނު އަހަރު ޗާޕުކުރި ފައިސާގެ އެންމެ %11 އެވެ.

ޗާޕުކުރި ފައިސާގެ އިތުރަށް ޓީ-ބިލާއި ބޮންޑުތަކަށް އެމްއެމްއޭއިން އިންވެސްޓުކޮށް އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދުތައްވެސް ކޮންމެވެސް މިންވަރަކަށް ޖަނަވަރީ މަހު ދަށްވެފައިވެއެވެ. އެގޮތުން ޑިސެންބަރުގެ ނިޔަލަށް ޓީ-ބިލުގެ ގޮތުގައި އިންވެސްޓުކުރި ފައިސާއިން އެމްއެމްއޭއަށް ލިބެންޖެހޭ އަދަދަކީ 56.7 މިލިއަން ރުފިޔާއެވެ. އެ އަދަދު ޖަނަވަރީގެ ނިޔަލަށް 56.4 މިލިއަނަށް ކުޑަވެފައިވެއެވެ.

ސަރުކާރުގެ ބޮންޑުތަކަށް އިންވެސްޓުކޮށް އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދު ޑިސެންބަރު މަހުގެ ނިޔަލަށް ހުރީ 8.321 ބިލިއަން ރުފިޔާގައެވެ. ޖަނަވަރީ މަހުގެ ނިޔަލަށް އެ އަދަދު ހުރީ 8.312 ބިލިއަން ރުފިޔާގައެވެ.

2020 ވަނަ އަހަރު ކޮވިޑުގެ ކާރިސާއާ ގުޅިގެން ފުރަތަމަ ޗާޕުކުރި ފައިސާ އަނބުރާ ދެއްކުމުގެ ބަދަލުގައި އެ ފައިސާ ބޮންޑަކަށް ބަދަލުކޮށް 50 އަހަރުން އަނބުރާ އެމްއެމްއޭއަށް ދެއްކުމަށް ސަރުކާރުން އެދުމުން އެގޮތަށް އެ ފައިސާ ދައްކަން މަޖިލީހުން ހުއްދަ ދީފައިވެއެވެ.

ޑޮލަރު ލިބޭ މިންވަރު އިތުރުވި ނަމަވެސް ދިވެހި ރުފިޔާގެ އަގު މަތިނުވާ މައިގަނޑު ސަބަބެއްކަމަށް އިޤުތިޞާދީ މާހިރުން ފާހަގަކުރައްވަނީ ސަރުކާރުން ގިނަ އަދަދަކަށް ދިވެހި ފައިސާ ޗާޕުކޮށް ސާކިއުލޭޝަނަށް ނެރެފައިވުމެވެ.

މި ލިއުމާއި ގުޅޭ