މިމަހުގެ 6 ވަނަ ދުވަހު ތުރުކީއަށް އައި ބިންހެލުމާއި ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލުން އަންނަ ކަމަށާއި އެގައުމުގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ 14 ދިވެހިން ކަމަށެވެ. އެގޮތުން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެންމެންނަށް ގުޅައި ޙާލު އޮޅުންފިލުވާފައިވާ ކަމަށެއެވެ.
މިނިސްޓްރީން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި ބިންހެލުމާއި ގުޅިގެން ތުރުކީގެ ހާލު ވެސް ގާތުން ބަލަމުން އަންނައިރު، ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުން ޖެހިއްޖެނަމަ، އެމިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުއްވުމަށް ވަނީ އެދިފައެވެ.
ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އެގޮތުން ދެގައުމުން މަރުވި މީހުންގެ އަދަދު 19000 އަށް އަރާފައިވާއިރު، އަދިވެސް ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތިބެދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ. އަދި މީހުން ސަލާމަތް ކުރުމުގައި ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށް އެގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.