Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މީހުން ސަލާމަތްކުރުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ

ތުރުކީއަށާއި އުތުރު ސީރިޔާއަށް މިދިޔަ ހޯމަ ދުވަހުގައި އައި ބާރުގަދަ 7.8 މެގްނިޓިއުޑްގެ ބިންހެލުންތަކާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ މީހުން ސަލާމަތްކުރާ ޓީމުތަކަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ތުރުކީގެ ރައީސް ތައްޔިޕް އެރުޑޯގަން ވިދާޅުވެއްޖެއެވެ.

މިހާތަނަށް ތުރުކީއާއި އުތުރު ސީރިޔާގައި މަރުވި މީހުންގެ އަދަދު 15،000 އިން މައްޗަށް އަރައިފާވާއިރުގައި، ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި، އަދި ސަލާމަތް ކޮށްފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ފިނި މޫސުމުން ހިމާޔަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ރަނގަޅަށް ކުރިއަށް ގެންދާނެކަމަށާއި، އަދި އެއްވެސް މީހަކަށް ބޯހިޔާވަހިކަން ނެތި އުޅެން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ނަމަވެސް އަދިވެސް ބައެއް ހިސާބުތަކުގައި ފުދޭވަރަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިނުވާކަމަށް ބުނެ ބައެއް ރައްޔިތުން ޝަކުވާ ކުރާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އެއީ، އިމާރާތްތައް ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ނެތުމާއި، ތަޖުރިބާކާރުންނާއި އަދި އެހީތެރިން އެކަށީގެންވާ ވަރަށް ނެތުމުންކަމަށް އާންމުން ބުނެއެވެ. އަދިވެސް ތުރުކީއާއި ސީރިއާގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ގިނަ ބަޔަކު އެބަ ތިބިކަމަށް މީޑިއާތަކުން ބުނެއެވެ.

"ކޮބާ ސަރުކާރު؟ 2 ދުވަސް ވަންދެން އެމީހުން ކީއް ކުރަނީ؟ އަހަރުމެން އާދޭސް ކޮށްފައި މި ބުނަނީ އަހަރުމެންނާ ހަވާލު ކުރާށޭ (މީހުން ސަލާމަތްކުރުން) އެ ކަންކަން، އަހަރުމެންނަށް ތާށިވެފައިވާ މީހުން ސަލާމަތް ކުރެވޭނޭ"، ސްނޯއިން ފޮރުވިފައިވާ ވެށްޓިފައި އޮތް އިމާރާތެއް ކައިރީގައި ހުރެގެން ސަބީހާ އަލީނަކް އޭނާގެ ކަންބޮޑުވުމާއި ޝަކުވާތައް ފާޅުކޮށްފައިވެއެވެ. ސުންނާފަތި ވެފައިވާ އިމާރާތުގެ ދަށުގައި އޭނާއާ ތިމާގެ ހަނގު ކުދިން އަދިވެސް ތިބީ ތާށިވެފައެވެ.

ސީރިޔާގައި މިހާތަނަށް 3000 އާއި ގާތްކުރާ އަދަދަކަށް މީހުން މަރިވެފައިވާއިރު، އެ ގައުމަށް އެހީ ފޯރުކޮށްދިނުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ސަރުކާރާއި، އިދިކޮޅު ޖަމާއަތާއި ހަނގުރާމައިގެ ކުރާތާ ދަރަހެއް ފާއިތުވެފައިވާއިރު، އދއަށް ސީރިޔާއިން ކަނޑައަޅާފައިވާ ސަފީރު އެ ގޮންޖެހުންތަކުގެ ފަހަތުގައި ވަނީ އެ ހަނގުރާމައާއި އަދި އެމެރިކާއިން ސީރިޔާގެ މައްޗަށް ތަންފީޒުކޮށްފައިވާ ފިތްތުންތައްކަމަށް ވިދާޅުވެއެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، ރައީސް އެރްޑޯގަން މި ކާރިސާގެ ސަބަބުން ގެއްލުން ވެފައިވާ ތުރުކީގެ ބޮޑު އާބާދީއަށް ރަނގަޅު ސަލާމަތީ ހިދުމަތްތަކާއި، އެހެނިހެން އެހީ ފޯރުކޮށްދިނުމުގައި ފަސް ޖެހޭނަމަ، ނުވަތަ އެކަންކަން ކޮށް ނުދެވޭނަމަ މޭ މަހުގައި ބާއްވަން ހަމަޖެހިފައިވާ ތުރުކީގެ ރިޔާސީ އިންތިހާބުގައި އޭނާގެ ދައުރު ނިމުމަކަށް އައުމަކީ ގާތްކަމެކެވެ.

ނަމަވެސް ބައެއް އެހެން އެނެލިސްޓުންވަނީ، މި ކާރިސާގެ ތެރެއިން އުރުދުޣާނަށް ގައުމުގެ ހުރިހާ އެންމެން އެއްބައިވަންތަކުރުވާ، އޭނާގެ މަގާމު އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް ވިދާޅުފައެވެ.

މި ލިއުމާއި ގުޅޭ