މާލެ ކައިރީ ފަޅެއް އޮތިއްޔާ މި ސަރުކާރުން ދަނީ ބޭރު ފަރާތްތަކަށް ވިއްކަމުންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްހެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅާ ގަރާރަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ މިހާރުން މިހާރަށް މިކަން ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ. އަދި ތިލަފުށީގައި ބިން ވިއްކަނީ 1700 ރުފިޔާއަށް އަކަފޫޓެއްކަމަށްވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ ކުންފުންޏެއްވެސް ހިމެނޭކަމަށް ވިދާޅުވެ މެންބަރު ސައީދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އިސްކަންދަރު ސްކޫލު މޯގޭޖްކޮށްފި، ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްފި، އޮލިމްޕަސް ރަހުނު ކޮށްފި، މި ރާއްޖޭގެ ހަރުމުދަލެއް، ރައްޔިތުންގެ މުދަލެއް ހުރިއްޔާ ރަހުނުކޮށްފި، ނުހިއްކާ ބިންވެސް ވިއްކަނީ. ފޫޓް އަޅައިގެން ކަޑަ ޖަހައިގެން ތިލަފުއްޓާއި ގިރާވަރާއި މިހެން ގޮސް މާލެ ކައިރީ ފަޅެއް އޮތިއްޔާ ވިއްކަމުން އެދަނީ" ސައީދު ވިދާޅުވިއެވެ.
މާލޭ ކައިރީ ފަޅެއް އޮތިއްޔާ ބޭރުގެ ފަރާތްތަކަށް މި ސަރުކާރުން ވިއްކަމުންދާކަމަށް ސައީދު ވިދާޅުވެފައިވާއިރު މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްކުރުމަށާއި މުދާ ގުދަންކުރުމަށް ބޭނުންކުރަމުން އަންނަ ތިލަފުށިން، ބޭރު ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވައިލައި އިދިކޮޅުން އިއްޔެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.
ތިލަފުށިން ބިން މިލްކުކުރެވޭ ގޮތަށް ދިވެހި ކުންފުނިތަކަށް ވިއްކުމަށާއި، 99 އަހަރަށް ބިން ނެގޭ ގޮތަށް ބޭރުގެ ވިޔަފާރިތަކަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައި އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.