Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އެމްޑީޕީގެ އެތެރޭގެ ބައިވެރިވުމެއް އޮތްތޯ ސުވާލު އުފެދޭ: އާދަމް ޝަރީފު

ގިނަ ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ބަދަލުވުމުގައި އެމްޑީޕީގެ އެތެރެއިން ބައިވެރިވުމެއް އޮތްތޯ ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ކޯނީ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށް ކަނޑައެޅި ނަމަވެސް ފާއިތުވި ދިހަވަރަކަށް އަހަރު އެމްޑީޕީން ބުނަމުންއައީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމުގައި ކަމަށާއި، ނަމަވެސް ނިމުނު އެ ޕާޓީގެ ޕްރައިމަރީގައި އެ ނޫން ގޮތަކަށް އެ ޕާޓީ ތެރެއިން ވާހަކަތައް އިވެން ފަށައިފި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވަމުންގެންދަވަނީ ނަޝީދު އެ ދުވަހު އިސްތިއުފާދެއްވީ ކަމަށާއި، ވެރިކަން ނުކުރެއްވިގެން ޤާބިލުކަން ނެތިގެން މަޤާމު ދޫކުރައްވައި ވަޑައިގަތީކަމަށް ކަމުގައިވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބަޣާވާތްކުރުމުގެ ސަގާފަތެއް އެބައޮތެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނުގެ ވެރިކަން ވައްޓައިލުމަށް ތަފާތު އެތައް ފަހަރެއްގެ މަތިން ބަޣާވާތްތަކެއް ހިންގަން އުޅުނުކަން އޭނާ ފާހަގަކުރެއްވިއެވެ. "ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށްޓަކައި އެތައް ފަހަރަކު ބަޣާވާތްކުރަމުންދިޔަ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ފެބްރުއަރީ 7 އަދި 8ގެ ހާދިސާއަކީ ދިވެހިން ހަދާން ނެތޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އާދަމް ޝަރީފު އުފެއްދެވި ސުވާލަކީ އެ ދުވަހުގެ ކަންކަމަކީ އެމްޑީޕީގެ ތެރެއިންވެސް ރޭވިގެން ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރެވުނު މަސައްކަތެއްތޯއެވެ. އަދި ނަޝީދަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކަކީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލި ފަރާތްތައް ވެރިކަމުގައި ތިއްބެވުމުން ކުރިމަތިވާ ގޮންޖެހުންތަކެއްތޯ ސުވާލު އުފެދޭކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

މިކަންކަމާ ގުޅިގެން އެމްޑީޕީއާއި ދައުލަތުގެ މުއައްސަސާތަކުން ރަނގަޅު ތަހުގީގެއް ހިންގަން އަދި ފުރުސަތު އެބައޮތްކަމަށާއި، މިހާރު ބެލި ނަމަވެސް އެކަމާ ގުޅޭ ގޮތުން އުފެދޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ލިބިދާނެ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ