ކ. ތިލަފުށިން، ބޭރު ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްކުރުމަށާއި މުދާ ގުދަންކުރުމަށް ބޭނުންކުރަމުން އަންނަ ތިލަފުށިން ބޭރު ފަރާތްތަކަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވައިލައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި އެ މައްސަލައަށް 36 މެންބަރުން ވޯޓު ދިނީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ ނުވަ މެންބަރުންނެވެ.
އެކަމާ ގުޅޭގޮތުން ކެޕްޓަން އިހްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށީގެ ބިން އިންޑިއާގެ ކުންފުނިތަކަށް 99 އަހަރަށް ދިނުމާމެދު "ރައްޔިތުންގެ" މަޖިލީހުގައި ބަހުސްވެސް ކުރަން ބޭނުންނުވާ ކަމަށް ވޯޓުދިން "ރައްޔިތުންގެ" "އިއްޒަތްތެރި" މެންބަރުން އެކަމުން ގައުމަށް ލިބޭ ނިކަމެތިކަމަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
ތިލަފުށިން ބިން މިލްކުކުރެވޭ ގޮތަށް ދިވެހި ކުންފުނިތަކަށް ވިއްކުމަށާއި، 99 އަހަރަށް ބިން ނެގޭ ގޮތަށް ބޭރުގެ ވިޔަފާރިތަކަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައި އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެޗްޑީސީގެ އިސްވެރިޔަކު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ދޫކުރަން ނިންމީ ސީދާ ރައީސް އޮފީހުން އަންގައިގެންނެވެ. އެ ނިންމުން އިއުލާނުކުރުމުގެ ކުރިން އިންޑިއާގެ ދެ ކުންފުންޏަކުން ވަނީ ތިލަފުށިން ބޮޑު ދެ ބިމެއް ގަންނަން ޕްރޮޕޯޒަލް ހުށަހަޅާފަ އެވެ.
ތިލަފުށީގެ ބިން ވިއްކަން އުޅޭ ސަބަބެއްކަމަށް އޭނާ ވިދާޅުވީ ތިލަފުށީ ތަރައްގީކުރުމުގެ ޕްލޭނުގެ ދަށުން ހިއްކަންޖެހޭ ސަރަހައްދުގެ ތެރެއިން ނުހިއްކާ އޮތް ބައި ހިއްކަން ބޭނުންވާ ލޯނުގެ އިކުއިޓީ ފައިސާ ހަމަކުރުމަށެވެ. ނަމަވެސް ބިން ވިއްކަން އުޅެނީ ނުއަގުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ތިލަފުށިން ބިން ވިއްކަން ފަށާ އަގެއްގެ ގޮތުގައި އޮތީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.