ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ބޭއިންސާފުން ހައްޔަރުކުރުން ކުށްވެރިކުރާކަމަށް ބެލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
އެ ޖަމުއިއްޔާއިން މިފަދައިން ގޮވާލާފައިވާއިރު އެ ޖަމުއިއްޔާއާއި އިތުރު ތިން ޖަމިއްޔާއަކުން މީގެ ކުރިން ވަނީ ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ބޭއިންސާފުން ހައްޔަރުކުރުން ކުށްވެރިކުރާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
އިއްޔެގެ މުޒާހަރާއިން ނޫސްވެރިންނަށް އަނިޔާވެ ގިނަ ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން ޓްރާންސްޕޭރެންސީން ކުރި ޓްވީޓެއްގައި ބުނީ ސުލްހަވެރި މުޒާހަރާތަކުން މުޒާހަރާ ކުރާ ފަރާތްތަކަށް ހުރަސްއެޅުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕީޖީ އޮފީހުން ފުލުހުންގެ މި އަމަލުތައް ތަހުގީގުކޮށް މުއައްސަސާތަކާއި މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ކަމަށްވެސް ޓްރާންޕޭރެންސީން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެމްނެސްޓީ، އެސޯސިއޭޝަންފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް، އަދި ހިއުމަން ރައިޓްސް ވޮޗް ޖަމިއްޔާއިން ގުޅިގެން މީގެކުރިން ނެރުނު ބަޔާނުގައި ވަނީ ޚިޔާލުފާޅުކުރުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި, އެއްވެ އުޅުމުގެ ހައްގު ހިމާޔަތްކޮށް މުޒާހަރާތަކަށް ހުރަސް އެޅުން ހުއްޓުވުމަށް ސަރުކާތުގެ އިދާރާތަކަށް ގޮވާލައިފައެވެ.
"އަޅުގަނޑުމެން ގޮވާލަން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި ސުލްހަވެރި އިހުތިޖާޖެއްގައި ބައިވެރިވުމުގެ ހައްގު ފަހިކޮށްދީ ހިމާޔަތްކުރުމަށް މަގުފަހިކޮށްދިނުމަށް" އެބަޔާނުގައި ބުނެފައިވެއެވެ.
މި ޖޮއިންޓް ބަޔާނުގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނަރަލަށް ފުލުހުންގެ މިއަމަލުތައް ފުރިހަމަ ތަޙްޤީޤް ކުރުމަށް ގޮވައިލައިފައެވެ. އަދި ފުލުހުންގެ މުއައްސަސާ އާއި އެމުއައްސަސާގެ މުވައްޒަފުން ޖަވާބުދާރީކުރުވުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވައިލައިފައެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ އެއްގޮތަށް ޤާނޫނުތައް ގެނައުމަށް ސަރުކާރުގެ އެގްޒެކެޓިވް އަދި ލެޖިސްލޭޓިވް ގޮފިތައް ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ބަޔާނުގައި ގޮވާލައިފައިވެއެވެ.