އިއްޔެގެ ވަގުތެއްގައި ތުރުކީއަށާއި އުތުރު ސީރިއާއަށް އައި ވަރުގަދަ ބިންހެލުންތަކާއި ގުޅިގެން އެހީ ފޯރުކޮށްދިނުމަށްޓަކައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން (އައިއޭސީ) ކުއްލި އެހީ ފަންޑެއް ހުޅުވާލައިފިއެވެ.
އައިއޭސީ ފަންޑްގެ ޑިރެކްޓަރ، މުހައްމަދު އަލީ "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، އައިއޭސީއިން އެންމެ ބޮޑު އިސްކަމެއް ދެނީ ބިންހެލުމުގެ ސަބަބުން ގެދޮރު ހަލާކުވެފައިވާ މީހުންނަށް ތާޒާ، ހޫނު ކާއެއްޗިސް ފޯރުކޮށްދިނުމަށެވެ.
މީގެ އިތުރުން، ފަންޑަށް ލިބޭ ބޮޑު ބައި ހޭދަކުރާނީ ތާޒާ ކާއެއްޗިހީގެ އިތުރުން، ވަގުތުން ބޭނުންވާ އެއްޗިއްސަށް ކަމަށް އަލީ ވިދާޅުވިއެވެ. މިސާލަކަށް، ގެދޮރު ހަލާކުވެ، ބޯލިޔާވަހިކަން ގެއްލިފައިވާ މީހުންނަށް ޓެންޓް ފަދަ ވަގުތީ ހައްލެއް ހޯދައިދިނުމަށެވެ. އަދި ހަމައެހެންމެ، ވަގުތުގެ ގޮތުން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމަށްވެސް ފަންޑަށް ލިބޭ ފައިސާއިން ހަރަދުކުރާނެކަމަށް އަލީ ވިދާޅުވިއިރުގައި، އޭގެތެރާގައި ހިމެނޭ ތަކެތީގެ މިސާލަކީ ސީރިއާގައި އަދި ތުރުކީގައި ގެދޮރު ހަލާކުވި މީހުންނަށް ބްލޭންކެޓްއާއި، ބޯހިޔާކުރަން ޓެންޓެވެ.
ތާޒާ ކާ އެއްޗިހި ފޯރުކޮށްދިނުމުގެ އިތުރުން، އައިއޭސީއިންދަނީ ތުރުކީ އަދި އުތުރު ސީރިއާގައި ގެތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގައި، ދެ ގައުމުގެ ސަލާމަތީ ޓީމްތަކާއި ގުޅިގެން ހަރަކާތްތެރިވަމުންނެވެ. މީހުން ހޯދުމުގައި އެންމެ ބޮޑު ގޮންޖެހުމެއްކަމަށް އަލީ ކަންބޮޑުވުން ފާޅުކުރެއްވީ، ދެ ގައުމުގައިވެސް ކުރިން ގެ ދޮރު ނެތް މީހުން ހޯދުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، ދެ ގައުމަށް ވެރިވެފައިވާ ފިނި މޫސުމުގެ ސަބަބުންވެސް ސަލާމަތީ މަސައްކަތައް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
ތުރުކީގައި މިހާތަނަށް 3000 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެ، 15،000 އަށް ވުރެން ގިނަ މީހުން ޒަހަމްވެފައިވާއިރުގައި، 6000 އަށް ވުރެން ގިނަ އިމާރާތް ބިމާ އެއްހަމައެއްވެފައިވެއެވެ. ސީރިއާގައި ވަނީ މިހާރު 1500 އާއި ގާތް ކުރާ އަދަދެއްގެ މީހުން މަރުވެފައިކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
އިއްޔެގެ ވަގުތެއްގައި ތުރުކީއަށާއި، އުތުރު ސީރިއާއަށް ވަނީ ނުރައްކާތެރި 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ. ފުރަތަމަ ބިންހެލުން އައުމުގެ މާ ގިނަ ގަޑިއިރެއް ފާއިތުނުވަނީސްވަނީ 7.6 ގެ ދެވަނަ ވަރުގަދަ ބިންހެލުމެއް އައިސްފައެވެ. ބިންހެލުމުގެ ސަބަބުން އުފެދޭ އާފްޓާޝޮކްގެ 243 ވަރަކަށް އާފްޓާޝޮކްވެސް ވަނީ އުފެދި، އިތުރު ގެއްލުންތަކެއް ކޮށްފައެވެ.
ގިނަ ގައުމުތަކަކުންވަނީ ބިންހެލުމުގެ ސަބަބަން ދެ ގައުމަށް ކޮށްފައިވާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށް ތިބީ ތައްޔާރަށް ކަމުގެ ޔަގީންކަންދީ، އަދި މިހާރުވެސް އެ މަސައްކަތްތައްވަނީ ފައްޓާފައެވެ. އެމެރިކާ އަދި ޗައިނާފަދަ ގައުމުތަކުން ވަނީ ދެ ގައުމުންވެސް ފޯރުކޮށްދެވެން އޮތް އެހީގެ މައުލޫމާތު ހޯދަން ދެ ގައުމުގެ ސަރުކާރަށް އަންގާ، ވީހާވެސް އަވަހަކަށް އެ އެހީ ފޯރުކޮށްދިނުމަށް އަމުރުކޮށްފައެވެ. އެގޮތުން ޗައިނާގެ ސަރުކާރުން މިއަދުވަނީ 6 ބިލިއަން ޑޮލަރުގެ އެހީ ފޮނުވުމަށް ނިންމާފައެވެ. އަދި ޗައިނާގެ ރެޑް-ކްރޮސްއިން ސީރިއާ އަދި ތުރުކީ އަށް ކޮންމެ ގައުމުކަށް 200،000 ޑޮލަރު ދޭން ނިންމައިފިކަމުގެ ހަބަރު ބޭރުގެ މީޑިއާތަކުން ރިޕޯޓަކޮށްފައިވެއެވެ.
ރާއްޖޭގެ ރައްޔިތުންވެސް ތުރުކީއަށާއި ސީރިއާގައި ހާލުގަ ޖެހިފައިވާ މީހުންނަށް އެހީ ތެރިވުމަށާއި، އަދި ދެ ގައުމުގައި ކުރިއަށް ގެންދާ ސަލާމަތީ މަސަތްކަތްތަކަށް އިތުރު އެއްބާރުލުން ދިނުމަށް، އައިއޭސީގެ ފަންޑްއަށް ފައިސާ ފޮނުވުމަކީ އެ އިދާރާއާއި، ތުރުކީ އަދީ ސީރިއާގެ ހާލުގަ ޖެހިފައިވާ އާބާދީގެ އެދުމެކެވެ.
އެގޮތުން، ފައިސާ ފޮނުވުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ ބީއެމްއެލް އިސްލާމިކް އެކައުންޓް، 7770000062741 އަށެވެ.
އެކައުންޓްގެ ނަމަކީ "އިންޓަނޭޝަނަކް އެއިޑް ކެމްޕެއިން" އެވެ. އަދި ލޭބަލްއަކީ، "އައިއޭސީ އިމަޖެންސީ"އެވެ.